ސުވާލު: މީހަކާ ނުއިނދެ މުޅި ޢުމުރު ހުސްކޮށްލުމަކީ ދީނީގޮތުން ކޮންކަހަލަ ކަމެއްހެއްޔެވެ؟ ޝައްކެއްނެތް ގޮތުގައި ކައިވެންޏަކީ އަމާން އޮމާން ޢިތްފަތްތެރި އުފާވެރި ދިރިއުޅުމެއް އުޅުމަށްޓަކައި ކޮންމެހެން ބޭނުން ކަމެކެވެ. ކައިވެންޏަކީ އޭގައި ޖިސްމާނީ އަދި ނަފްސާނީ އަދި ދީނީ ޝަރުޢީ މަސްލަހަތުތަކެއް އެކުލެވިގެންވާ ކަމެކެވެ. ޚާއްސަކޮށް މިފަދަ ފިތުނަ ވެރި ޒަމާނެއްގައި ތިބާގެ ޢިތްފަތް ރައްކާތެރި ކުރުމަށްޓަކައި ކައިވެނީގެ މުހިންމުކަން ބޮޑުވެއެވެ.
البخاري އާއި مسلم ދެބޭފުޅުން ރިވާކުރައްވާފައިވެއެވެ. رسول الله صلى الله عليه و سلم ހަދީޘްކުރައްވާފައިވެއެވެ. (( يَا مَعْشَرَ الشَّبَابِ ، مَنْ اسْتَطَاعَ مِنْكُمْ الْبَاءَةَ فَلْيَتَزَوَّجْ ، وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ ، فَإِنَّهُ لَهُ وِجَاءٌ
"އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންކުރެ ކުޅަދާނަކަން ހުރި ކޮންމެ މީހަކު ކައިވެނި ކުރާށެވެ! އަދި ކުޅަދާނަވެގެން ނުވާ ނަމަ ރޯދަ ހިފާށެވެ! ފަހެ ހަމަކަށަވަރުން އެއީ އޭނާއަށްޓަކައި ވާ އައްޑަނައެކެވެ."
މިހަދީޘަކީ ކުޅަދާނަކަން ލިބިގެންވާ އެއްމެނަށް ކައިވެނީގެ މުހިންމުކަމާއި މުސްތަހައްބު އަންގައިދޭ ހަދީޘެކެވެ. ކައިވެނި ނުކުރުމަށްޓަކައި މަގުބޫލު އުޛުރެއް އޮތް މީހަކު ނަމަ އަދި އިތްފަތްތެރިކަމާއި އެކުގައި ރައްކާތެރިކޮށް ހުރެވޭނެ ކަމުގެ އުންމީދު އޮތް ނަމަ ކައިވެނި ނުކޮށް ހުރުމަކީ ހުއްދަ ކަމެކެވެ. އެފަދަ މީހާއަށްޓަކައި ކައިވެނި ކުރުމަކީ ވާޖިބެއް ނޫނެވެ.
ނަމަވެސް ތިބާގެ އިތްފަތަށް ނުރައްކާތެރި ނަމަ، އަދި ރޯދަ ހިފުމާއި އެހެނިހެންވެސް ފިތުނައިގެ މަގުތަކުން ދުރުހެލި ނުވެވޭ މީހެއް ނަމަ ފިރިހެނެއް ވިޔަސް އަންހެނެއް ވިޔަސް އެމީހެއްގެ މައްޗަށް ކައިވެނިކުރުން ވާޖިބު ވާނެއެވެ.
މަސްދަރު: ނޫރުލްއިސްލާމް

