އެކުވެރި ސްރީލަންކާގައި މިހާރު އުފެދިފައިވާ ގައުމީ މައްސަލަ ހައްލުކުރުމަށް، ސިޔާސީ ޕާޓީތަކުގެ އިންތިގާލީ ސަރުކާރެއް އެކުލަވާލެއްވުމަށް އެގައުމުގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސަ ދެއްވި ދައުވަތު އެގައުމުގެ ގިނަ ސިޔާސީ ޕާޓީތަކުން ބަލައިނުގަނެ އެކަމާ ދެކޮޅުހަދައިފިއެވެ.
ހުރިހާ ޕާޓީއެއް ހިމެނޭ ސަރުކާރެއް އެކުލަވާލުމަށް އެގައުމުގެ ރައީސް ގޯތަބަޔާ އެދިފައިމިވަނީ، އެގައުމަށް ދިމާވެގެން އުޅޭ އިޤްތިސާދީ ހީނަރުކަމާއި ގުޅިގެން އެގައުމަށް ކޮންމެހެން ބޭނުންވާ ބައެއް ތަކެއްޗާއި ޚިދުމަތް ގައުމުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ނުކުޅެދިފައިވުމާއި ގުޅިގެން އެގައުމުގެ ރައްޔިތުން މިހާރު ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން އެގައުމުގެ ކެބިނެޓް އެއްކޮށް އިއްޔެ އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.
ސަރުކާރު މިހާރު އޮތް ގާނޫނީ ހުސްކަމުގެ ތެރެއިން އަރައިގަތުމަށް އެގައުމުގެ ރައީސް މިއަދު ވަނީ ވަގުތީ ގޮތުން ބައެއް މިނިސްޓްރީ ތަކަށް މިނިސްޓަރުން އައްޔަން ކުރައްވާފައެވެ. އަދި އައު ކެބިނެޓް އެކުލަވާލުމުގައި ސަރުކާރަށް އެގައުމުގެ ސިޔާސީ ޕާޓީތަކުގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ބުނެ އެޕާޓީތަކާއި ގުޅިގެން ސަރުކާރު އެކުލަވާލުމަށް ދައުވަތު ދެއްވާފައެވެ.
އެދައުވަތު ބަލައިނުގަނެ، ޓެމިލް ނޭޝަނަލް އެލަޔަންސްގެ ޕާލަމެންޓް މެމްބަރު އެމްއޭ ސުމަންތިރަން ބުނީ، އެޕާޓީއިން ހުރިހާ ޕާޓީއެއް ހިމެނޭ ސަރުކާރެއް އެކުލަވާލުމަށް ބައިވެރިނުވާނެ ކަމަށެވެ.
އަދި ޕާލަމެންޓް މެމްބަރު މަނޯ ގަނޭސަން ވިދާޅުވީ، އޭނާގެ ޓެމިލް ޕްރޮގްރެސިވް އެލަޔަންސް (ޓީޕީއޭ) އާއި ސްރީލަންކާ މުސްލިމް ކޮންގްރެސް (އެސްއެލްއެމްސީ) އިންވެސް ހުރިހާ ސިޔާސީ ޕާޓީއެއް އެކުލެވޭ އަދި ގައުމީ ސަރުކާރުގެ މެކޭނިޒަމްތަކެއްގައި ބައިވެރިނުވުމަށް ނިންމާފައިވާ ކަމަށެވެ.
އިތުރު ޕާޓީތަކަކުން ރައީސް ގޯޓަބަޔާގެ ދައުވަތް ބަލައިނުގަނެ ސީދާ އެކަމަށް އިންކާރުކޮށް ބަސް ބުނެފައިވާއިރު، ސްރީލަންކާގައި މިހާރުވެސް މެދުކެނޑުމެއްނެތި ރައްޔިތުން ގެންދަނީ މުޒާހަރާ ކުރަމުންނެވެ.

