އަވަށްޓެރި ސްރީލަންކާގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށްފިއެވެ.
ސްރީލަންކާގެ ގަވަމެންޓް މެޑިކަލް އޮފިސާސް އެސޯސިއޭޝަން (ޖީއެމްއޯއޭ)ގެ ޖެނެރަލް ކޮމިޓީން އެގޮތަށް މިއަދު ނިންމީ، ބޭހުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާތީ އާއި މިހާރުގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިއަދު ބޭއްވި ކުއްލި އާންމު ކޮމިޓީގެ ބައްދަލުވުމަށް ފަހުއެވެ. މި ޙާލަތު އިއުލާންކޮށްފައިވަނީ މާދަމާއިން ފެށިގެން މުއްދަތެއް ނެތް ގޮތަށެވެ.
ފާމަސޫޓިކަލްސް ސްޓޭޓް މިނިސްޓަރު ޗަންނާ ޖަޔަސުމާނާ އާއެކު ބޭއްވި ބައްދަލުވުމަށްފަހު ހާމަކުރި ގޮތުގައި ބޭހުގެ ދަތިކަން އެ ގައުމުގައި ވަރަށް ބޮޑަށް ކުރިމަތިވާނެ ކަމަށް ބެލެވެނީ ސަރުކާރުގެ ހިންގުން ދަށްވުމާއި މިހާރު ކުރިމަތިވެފައިވާ އިގުތިސޯދީ ހީނަރުކަމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
“ޑޮލަރުގެ މައްސަލަ ހައްލުވަންދެން ކްރައިސިސް ދެމި އޮންނާނެ.” އެހެން ނަމަވެސް، މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިސާއާ އެކީގައި، ބޭހުގެ ދަތިކަން މިހާރު މިއޮތް ޙާލަތު، މުސްތަޤްބަލުގައި ވަރަށް ސީރިއަސް ޙާލަތަކަށް ބަދަލުވެގެން ހިނގައިދާނެ.” ޑރ.ފެނާންޑޯ ވިދާޅުވިއެވެ. އާންމު ސިއްހަތުގެ ހިދުމަތަކީ ކޮންމެހެން ދޭން ޖެހޭ ހިދުމަތެއް ގެ ގޮތުގައި ސަރުކާރުން ކަނޑައެޅީ މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ.
ސްރީލަންކާގައި ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށްފައިވާއިރު، އެގައުމުގެ ކެބިނެޓުގެ ހުރިހާ މިނިސްޓަރުން ވަނީ އިސްތިއުފާ ދެއްވާފައެވެ. ސްރީލަންކާގެ ބޭރުފައިސާގެ ރިޒަރވް އެއްކޮށް ހުސްވެ، ރައްޔިތުންނަށް ބޭނުންވާ ކާނާއާއި ތެލާ ގޭސް ފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ބާވަތްތައް ހުސްވެފައިވާއިރު، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެގައުމުގެ ރައްޔިތުން ދަނީ މުޒާހަރާ ކުރަމުންނެވެ.

