އިންޑޮނޭޝިއާގެ އިސްލާމިކް ބޯޑިން ސްކޫލެއްގައި 13 އަންހެން ކުދިން ރޭޕްކުރި ޓީޗަރަކަށް މަރުގެ އަދަބު ދިނުމަށް އެގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
އުމުރުން 12 އަހަރާއި 16 އަހަރާއި ދެމެދުގެ 13 އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އޭނާގެ މައްޗަށް ސާބިތުވެ މީގެ ކުރިން ވަނީ އޭނާއަށް ޖަލުހުކުމެއް ކޮށްފައެވެ. އެހެން ނަމަވެސް ދައުލަތުގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރުމުން ފަހުން އެމައްސަލަ ބެލި ގާޒީ ވަނީ އޭނާއަށް މަރުގެ ހުކުމް ކޮށްފައި ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
‘އަހަރެމެން ދިރިހުރިހާ ހިނދަކު މިޒަޚަމަށް ދުވަހަކުވެސް ޝިފާއެއް ނުލިބޭނެ، ފަހަރެއްގައި މަރުވަންދެން ވެސް ވެދާނެ. އަޅުގަނޑުމެންނަށް އިޙްސާސް ކުރެވެމުންދާ ވޭނަކީ، ސިފަނުކުރެވޭފަދަ ވޭންތަކެއް." އޭނާ ރޭޕްކުރި 13 ކުދިންގެ ތެރެއިން ކުއްޖެއްގެ އާއިލާމީހަކު ބުންޏެވެ.
އޭނާ ރޭޕްކުރި ކުދިންގެ ތެރެއިން 9 ކުއްޖަކު ވަނީ އޭނާގެ ދަރިއަކަށް ބަނޑުބޮޑުވެ ވިހާފައެވެ. ދައުލަތުން ކުރި ހުކުމްގައި ވަނީ ޓީޗަރުގެ ރޭޕްގެ ޝިކާރައަކަވެ ބަނޑުބޮޑުވި 9 ކުދިން ވިހެއި ތުއްތު ކުދިން ޕީރިއަޑިކް އިވެލުއޭޝަނެއް ހެދުމަށް ޗިލްޑްރެން އެންޑް ވިމެން ޕްރޮޓެކްޝަން އެޖެންސީއާއި ހަވާލުކުރަން ވާނެ ކަމަށައި، އެހާލަތުގައި އެކުދިންގެ ދަރިން ބެލެހެއްޓުމަށް ނަފްސާނީ ގޮތުން ތައްޔާރުވުމުން އެކުދިންގެ ދަރިން އަނބުރާ ރައްދުކުރެވޭނެ ކަމަށެވެ.
އޮފިޝަލުން ބުނީ އަނިޔާ ލިބުނު ގިނަ މީހުން ރޭޕްގެ ވާހަކަ ރިޕޯޓް ނުކުރީ އެ ވޭންދެނިވި ތަޖުރިބާ އަލުން ދިރުވަން ޖެހިދާނެ ކަމުގެ ބިރު އޮތުމުން ކަމަށާއި ބޯޑިން ސްކޫލުން އެމީހުންގެ ދަރިންނަށް މަގު ދައްކައިދީ ރަނގަޅު އަދި ދީނީ ބަޔަކަށް ވުމަށް މަގު ފައިކޮށްދޭކަމަށް އެ ކުދިންގެ މައިންބަފައިން އިތުބާރުކުރި ކަމަށެވެ.

