ގދ.ފަރެސްމާތޮޑާ އެއަރޕޯޓުގެ ރަންވޭގެ ތާރުއެޅުމުގެ މަސައްކަތް ފެށިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނީ ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއަރޕޯޓް ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، މިއެއަރޕޯޓްގެ މަސައްކަތް މިދިޔަ ނޮވެމްބަރުމަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރިނަމަވެސް ރާއްޖެއިން ބޭރުން ގެންނަންޖެހޭ ބައެއް ސާމާނު ލިބުމުގައި ދަތިތަކެއް ކުރިމަތިވެ މަސައްކަތް ލަސްވެފައިވާކަމަށެވެ.
އެމްޓީސީސީން ވަނީ މިއަހަރުގެ މިނިވަންދުވަހާ ދިމާކޮށް ފަރެސްމާތޮޑާ އެއާރޕޯޓުގެ މަސައްކަތްތައް ނިންމައި ބޭނުންކުރެވޭނެ ކަމަށް މީގެ ކުރިން ބުނެފައެވެ.
ފަރެސްމާތޮޑާ އެއާރޕޯޓު މަޝްރޫޢުގެ ދަށުން ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފަޔަރ ބިލްޑިންގ އެއް އިމާރާތްކޮށް ޓާރމިނަލް ބިލްޑިންގ އެއް އިމާރާތް ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.

