ސްރީލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ނާޒުކު ޙާލަތާމެދު ރުޅިގަދަވެ، ޢާއްމުން މަގުތަކަށް ނުކުމެ ވަރުގަދަ މުޒާޙަރާތަކެއް ކުރި ނަމަވެސް އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އިސްތިޢުފާނުދެއްވާނެކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.
ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން އެ ޤައުމުގެ ހައިވޭއާބެހޭ ވަޒީރު ޖޯންސްޓަން ފަރްނާންދޯ ވިދާޅުވީ އިސްތިޢުފާދެއްވުމުގެ އެއްވެސް ވިސްނުންފުޅެއް ގޮތަބަޔާ ނުގެންގުޅުއްވާކަމަށާއި އޭނާ އިންތިޚާބުވެވަޑައިގެންފައިވަނީ 6.9 މިލިޔަން މީހުންގެ ވޯޓުންކަން ހަދާންކުރަންޖެހޭކަމަށެވެ. އަދި ސިޔާސީ ފިއްތުންތަކަކަށް ކުރިމަތިލައްވަން ގޮތަބަޔާ ހުންނެވީ ތައްޔާރަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް ކާފިއު ތަންފީޒުކުރި ނަމަވެސް ޢާއްމުންވަނީ އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ބޮޑެތި އެއްވުންތަކެއް ބާއްވައިފައެވެ. އޭގެ އިތުރުން ގޮތަބަޔާވަނީ ސްރީލަންކާގެ ސަރުކާރު އުވާލައްވައި އެޤައުމުގައި އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލެއްވުމަށް މަސައްކަތްކުރައްވައިފައެވެ. ނަމަވެސް އެޤައުމުގެ އިދިކޮޅު ފަރާތްތަކުން އެހުށަހެޅުއްވުން ބަލައިގަނެފައެއް ނުވެއެވެ.
22 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސުްރީލަންކާގެ އިޤްތިޞާދީ ޙާލަތު ގޯސްވެފައިވަނީ ކޮވިޑް-19ގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށް ލިބުނު ގެއްލުމުގެ ސަބަބުންނާއި ބޭރުގެ ޤައުމުތަކަށާއި މާލީ ވުޒާރާތަކަށް ބޮޑެތި ޢަދަދުތަކުން ފައިސާދައްކަން ޖެހުމުންނެވެ. އެއާއެކު އެ ޤައުމުން ތެޔޮ ގަތުމަށް ބޭނުންކުރާނެ ބޭރު ފައިސާ ހުސްވެ ފާއިތުވި ހަފުތާތަކުގެ ތެރޭގައި ގިނަ ވަޤުތުތަކަކަށް ކަރަންޓު ކަނޑަންވަނީ މަޖުބޫރުވެފައެވެ. ސްރީލަންކާއަށް އިޤްތިޞާދީ ނާޒުކު ޙާލަތުން އަރައިގަތުމަށް އެ ޤައުމުން އެންމެ ބޮޑު އެހީތެރިކަމަކަށް އެދިފައިވަނީ އިންޑިޔާއާއި ޗައިނާއިންނެވެ.

