ސްރީލަންކާގެ ރައީސްއާއި އޭނާގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި އާންމުން ކުރަމުންދާ މުޒާހަރާތަކާ ސްރީލަންކާގެ 89 އަހަރުގެ ރައްޔިތަކު މިވަނީ ގުޅިފައެވެ. ސްރީލަންކާގެ މިއަންހެން މީހާ ވަނީ އެގައުމުގެ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ސިޔާސީ ވެރިންނަށް ނުރުހުމުގެ ބަސްތަކެއް ރައްދުކޮށްފައެެވެ. އެގޮތުން އެގައުމުގައި މިހާރު ހިގަމުންދާ އިގުތިސޯދީ ކާރިސާގެ ޒިންމާ ނަގަންޖެހޭނީ ކޮރަޕްޝަން ހިންގާ އެގައުމުގެ ސިޔާސީ ވެރިން ކަމަށްވެސް އެމީހާ ވަނީ ބުނެފައެވެ.
"އަހަރެންގެ އުމުރަކީ 89 އަހަރު. ރޭގަނޑުގެ ކޮންމެ ވަގުތަކުވެސް ކަރަންޓުދާ ގަޑިތަކުގައި އަހަންނަށް ރޮވޭ. ގޭހާއި ކިރު ހޯދަން މަސައްކަތް ކުރަމުން މުސްކުޅި އުމުރުގައި ކިޔޫގައި މަޑުކޮށްލައިގެން ހުރިން. މީގެ މާނައަކީ ކޮބާ؟ އަހަންނަށް ކުރެވުނީ ކޮން ކުށެއް ހެއްޔެވެ؟ الله ލަންކާ ސަލާމަތް ކުރައްވާ،" އިސް ރައްޔިތު މީހާ ބުނެފައިވެ އެވެ.
ސްރީލަންކާގެ އިގްތިސޯދީ ހާލަތު ދަށަށްގޮސް އެގައުމަށް ކޮންމެހެން ބޭނުންވާ ބައެއް ޚިދުމަތްތައް ދިނުމަށް ސަރުކާރަށް ނުކުޅެދިފައިވުމާއެކު އެގައުމުގެ ރައްޔިތުން މިހާރު ގެންދަނީ މުޒާހަރާ ކުރަމުންނެވެ. މިމުޒާހަރާތަކާއި ގުޅިގެން އެގައުމުގެ ކެބިނެޓް އެއްކޮށް ވަނީ އިސްތިއުފާ ދެއްވާފައެވެ.
އެހެން ނަމަވެސް އަދިވެސް ރައްޔިތުން ބޭނުންވާ ކަންތަކަށް ހައްލު ނުލިބޭ ކަމަށާއި، ގައުމު ހަމަ މަގަށް އަޅުވާފައި ނޫނީ ގެއަށް ނުދާނެ ކަމަށް ބުނެ ރައްޔިތުން ގެންދަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާތަކާއި ގުޅިގެން އެގައުމުގައި ކުއްލި ހާލަތު އިއުލާނުކޮށް ކާފިއު ހިންގުމަށްފަހު މިހާރު ވަނީ އާންމު ހާލަތަށް ގެނެސްފައެވެ.
އެހެން ނަމަވެސް ބޭސްފަރުވާއަށް ބޭނުންވާ ބޭސް ލިބުން ދަތިވެ މިހާރު އެގައުމުގައި ވަނީ ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.

