އެވިޑް ކޮލެޖްގެ ފަރާތުން އިންތިޒާމް ކޮށްގެން ހުރިހާ އުމުރުފުރާއެއްގެ ބޭފުޅުންނަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ “އެވިޑް ރަމަޟާން ކުއިޒް 1443” ގައި ބައިވެރިވެގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު އެކޮލެޖުން ހުޅުވާލައިފިއެވެ.
އެގޮތުން އެވިޑް ކޮލެޖުން ރަމަޟާން މަހުގެ 4 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކުއިޒް މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެވިޑް ކޮލެޖްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް އޮންލައިންކޮށެވެ. އަދި މިދެންނެވި މުއްދަތުގައި އެ ކޮލެޖްގެ ފޭސްބުކް ޕޭޖް އިން ކޮންމެ ދުވަހަކު ވެސް އެއް ސުވާލު ޝާއިއުކުރެވޭނެއެވެ.
މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ދުވަހަކުވެސް އެ ކޮލެޖްގެ ފޭސްބުކް ޕޭޖްގައި ޝާއިއުކުރާ ސުވާލުގައި ވާ ގޫގްލް ފޯރމް ލިންކް މެދުވެރިކޮށް ފޮނުވޭނެއެވެ. ކޮންމެ ދުވަހެއްގެވެސް ސުވާލުގެ ޖަވާބު ދެއްވަން އެންމެ ފަހު ވަގުތަކަށް ކަނޑައަޅާފައިވަނީ އެދުވަހުގެ 23:59 ގެ ކުރިންނެވެ.
މިމުބާރާތުގައި އެވިޑް ކޮލެޖްގައި މަސައްކަތްކުރާ މުވައްޒަފުން ފިޔަވައި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ބައިވެރިވެވޭނެއެވެ. މިމުބާރާތުގެ ހުރިހާ ސުވާލެއް ފުރިހަމަކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަށް އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

