ދެކުނުގެ އަތޮޅުތަކަށް މަސްވެރިކަން ރަނގަޅުވެ މަސްވެރިން ބޭނި މަސް ނުކުރިގެން މަސްވެރިން ގޮސްތުއްވެސްޖެއެވެ. ދެކުނަށް މަސްވެރިކަން ރަނގަޅުވެ، އެއްފަހަރާއި ގިނަ އަދަދެއްގެ ދޯނިތައް މަސް ކިރުވަން އަންނަމުންދާތީ، މިފްކޯގެ ދެކުނުގެ ސެންޓަރުތަކަށް މަސް ކިރާ މިންވަރު މިއަދު ވަނީ ކޮންޓްރޯލްކޮށްފައެވެ.
ހުވަދު އަތޮޅުގައި ދުއްވާ ދޯންޏެއް ކަމަށްވާ ގެލެރީ ގެ ކެޔޮޅު ޒައިން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ބުނީ، މިހާރު ވެސް ގިނަ އަދަދަކަށް ދޯނި މަސްބާނައިގެން މަސްނުކުރިފައި ތިބި ކަމަށާއި، ގާތްގަނޑަކަށް 200 އަށްވުރެ ގިނަ ޓަނުގެ މަސް އެދޯނިތަކުގައި ހުންނާނެ ކަމަށެވެ.
ޒައިން އިތުރަށް ބުނީ، މަސްވެރިން ތިބީ ގޮތް ހުސްވެފައި ކަމަށާއި، މިއަދު މިފްކޯއިން ކޮންމެ ދޯންޏަކުން 5 ޓަނުގެ މަސް ނަގާ ގޮތަށް ނިންމާފައި ވުމުން މަސްވެރިންނަށް ވަރަށް ބޮޑު ދަތި ތަކަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި އެދޯނީގައި ވެސް 28 ޓަނުގެ މަސް ބާނާފައި ހުރި ކަމަށާއި، އެމަސް ކިރައި ނިމޭނެ ދުވަހެއް ނޭނގޭ ކަމަށެވެ.

މަސް ކިރުމަށް ކޫއްޑޫ ފަޅުގައި ދޯންޏެއް، މިހާރު ގިނަ ދޯނި ވަނީ ކިއު ނަންބަރު ނެގުމަށްފަހު ފުރާފައި. ފޮޓޯ: ކިއުންތެރިއެއް
މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި މިމަހުގެ 4 ވަނަ ދުވަހުގައި 770 ޓަނު މަސް އަދި 5 ވަނަ ދުވަހު 620 ޓަނު މަސް ކިރުވުމަށް ސެންޓަރުތަކަށް އައިސްފައިވާ ކަމަށެވެ. އަދި އެވްރެޖްކޮށް ދޯންޏަކުން 12 ޓަނުގެ މަސް ބާނަމުން ދާއިރު ބޮޑެތި ދޯނިފަހަރުތަކުން 25 ޓަނާއި 60 ޓަނާއި ދޭތެރޭގެ ޢަދަދުތަކުން މަސްބާނާފައި ހުރި ކަމަށް މިފްކޯއިން ހާމަކުރެއެެވެ.
މިފްކޯއިން ބުނީ މިމަހުގެ 4 ވަނަ ދުވަހު ކިއުއަށް އަރާފައިވާ ހުރިހާ ދޯންޏެއްގެ މަސް މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކިރައި ނިމިފައިވާ ކަމަށެވެ. އަދި މިމަހުގެ 6 ވަނަ ދުވަސް ފެށުނު އިރު ކިޔުގައި 510 ޓަނުގެ މަސް ހުރި ކަމަށާއި، މިފްކޯގެ ދެކުނުގެ ފްރީޒިން ކެޕޭސިޓއަކީ ދުވާލަކަށް 420 ޓަނުގެ ކަމަށެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން، ކަޅިރަވަ ދޯނީގެ ކެޔޮޅު ނިޔާޒް ބުނީ، މަސްކިރޭނެ ގޮތެެއް ނެތުމުން މިހާރު މިސްރާބު ޖަހާފައި ހުރީ ތިނަދޫ އަށް ދިއުމަށް ކަމަށާއި، މަސްކިރޭނެ ގޮތެއް ހަމަޖެހެންދެން ދޯނި އޮންނާނީ ފަޅުގައި ކަމަށެެވެ. ނިޔާޒް އިތުރަށް ބުނީ، ކޮންމެ ފަހަރަކުވެސް ގިނައިން މަސްބާނަން ފެށުމާއެކު މަސްކިރޭނެ ގޮތެއް ނެތި މަސް ހަލާކުވެ ކަނޑަށް އުކާލަން ޖެހުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި، މިކަމަށް އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.
އެހެން ދޯންޏެއްގެ ކެޔޮޅަކު ބުނި ގޮތުގައި ކިޔޫ ނަންބަރު ދޫކޮށްގެން މިހާރު މަސްކިރަމުންދާއިރު، އެމީހުން ބޭނި މަސްކިރޭނެ ދުވަހެއް އަދި ނޭނގޭ ކަމަށާއި، ގިނަ އަދަދަކަށް ދޯނި މިހާރުވެސް ކިޔޫގައި ޖެހިގެން ތިބި ކަމަށެވެ. އަދި މިކަމަކީ ސަރުކާރުން ހައްލުކުރަން ޖެހޭ ކަމެއް ކަމަށާއި، މަސްވެރިންނަށް މިނޫން ދުވަހެއް ފެންނަން ޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ.

