މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު ޝަރުތުތަކާއެކު ދޫކޮށްލާފައިވާ މައްސަލައިގައި ޕީޖީ އޮފީހުން ހައިކޯޓުގައި އެމައްސަލަ އިސްތިއުނާފު ކުރުމުން އެކޯޓުން އެމައްސަލަ ބޭރުކޮށްފައިވާތީ، އެމައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމްގެ އަމިއްލަ ބްލޮގްގައި ހިއްސާކުރެއްވި ލިޔުމެއްގައި ވިދާޅުވީ، ވ. ތިނަދޫ ރެޑްހައުސް އަޙްމަދު މޫސާ މުޙައްމަދުގެ މައްޗާށް ޚިޔާނާތްތެރިވުމުގެ 42 ދައުވާއެއް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެކޯޓުން އެމައްސަލަ ގެންދަވަނީ ބައްލަވަމުން ކަމަށާއި، އެމައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ 2021/HC-B12/75 ޤަޟިއްޔާއިން އަޙްމަދު މޫސާ މުޙައްމަދު ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކޮށްފައިވާކަމަށެވެ.
އެހެން ނަމަވެސް ހައިކޯޓުގެ އެ އަމުރު އެގޮތަށް އޮއްވާ، 20 މާރިޗު 2022 ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވުނު ބަންދު މުރާޖަޢާ އަޑުއެހުމުގައި އަޙްމަދު މޫސާ މުޙައްމަދު ޝަރުޠުތަކަކާއެކު ބަންދުން ދޫކޮށްލުމަށް، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ސަޢީދު އަމުރު ކުރައްވާފައިވާ ކަމަށާއި، މިމައްސަލައިގައި، ހައިކޯޓާއި ސުޕްރީމް ކޯޓުގެ ނިންމުންތަކުގައި، ބަންދާމެދު ޢަމަލުކުރަންވީ ގޮތް ސާފުކޮށް އޮއްވާމެ އަޙްމަދު މޫސާ މުޙައްމަދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމުމަކީ އެމަނިކުފާނު ހައިރާންކުރުވި ކަމެއް ނޫން ކަމަށެވެ. އެއީ، މިމައްސަލައިގައި ތާރީޚަށް ބަލާއިރު، އެކަން އެމަގުން ހިނގާފައިވާތީ ކަމަށެވެ.
އަދި މިމައްސަލައިގައި ކްރިމިނަލް ކޯޓުގެ ނިންމުމާމެދު ހިތްހަމަނުޖެހިގެން، ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށާއި، އިއްޔެގެ ވަގުތެއްގައި، ހައިކޯޓުން އެމައްސަލައިގައި ނިންމެވީ، އެމައްސަލަ ހުށަހެޅިފައި އޮތީ، ޤާނޫނުގައި ބުނާ 48 ގަޑިއިރުގެ ތެރޭގައި ކަމަށްނުވާތީ، އެމައްސަލަ ބަލައިގަނެ ހިންގޭނެ ގޮތެއް ނެތް ކަމަށެވެ.
ޝަމީމް އިތުރަށް ވިދާޅުވީ، މިމައްސަލައިގައި ޕީޖީ އޮފީހުން އިސްތިއުނާފް މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ 23 މާރިޗު 2022 ވަނަ ދުވަހުގައި ކަމަށާއި، އެދުވަހަކީ ސްޕްރީމް ކޯޓުގެ ގަވާއިދުގައި އޮތް ގޮތުން މުއްދަތުގެ ތެރޭގައި ހިމެނޭ ދުވަހެއް ކަމަށެެވެ. އެހެން ކަމުން ސްޕްރީމް ކޯޓުން އެމައްސަލަ ނުބެލޭނެ ކަމަށް ބުނެ ބޭރުކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެެވެ.

