ރާއްޖެ އެތެރެކުރި 130 ކިލޯ މަސްތުވާ ތަކެތީގެ މައްސަލައިގައި ހިމެނޭ އިސް ދެމީހުން ދޫކޮށްލުމާއި ގުޅިން ޕީޖީން އެމައްސަލަ އިސްތިއުނާފް ކުރުމަށް މިއަދު ހައިކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.
މިދިޔަ އަހަރު އޮކްޓޯބަރ މަހު 12 ވަނަ ދުވަހު “ޖަންބު” ނަމަކަށް ކިޔާ ކަންނެލި ދޯންޏެއްގައި ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި 6 މީހަކު ހިމެނޭއިރު އެމީހުން އިސް ދެމީހުންގެ ގޮތުގައި ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރާ ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އާއި ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) ދޫކޮށްފައިވަނީ އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑު އެހުމުގައި ދެފަރަތުން ދެއްކި ވާހަތަކަށް ބެލުމަށްފަހު ޝަރުތުތަކާއި އެކުގައެވެ.
އެގޮތުން ކޯޓުގެ ހުއްދަނެތި ރާއްޖެއިން ބޭރަށް ނުދިއުމަށާއި ރޭގަނޑު ގެއިން ބޭރަށް ނުކުތުން އެދެމީހުންނަށް ވަނީ މަނާކޮށްފައެވެ. އެދެމީހުންވެސް ބަންދުން ދޫކޮށްލީ ބޭސް ފަރުވާއަށެވެ.
މަސްތުވާތަކެތީގެ ވިޔަފާރީ ފުޅާ ދާއިރާއެއްގައި ކުރާ ބޮޑު ނެޓްވޯކެއްގެ އިސްމީހެއްގެ ގޮތުގައި ފުލުހުން ތުހުމަތުކުރާ އަދި މިމައްސަލައިގައި ހައްޔަރުކުރެވުނު ޕީއެންސީގެ ކުރީގެ ކައުންސިލް މެމްބަރު އަދި ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރ ގއ. ވިލިނގިލި ލައިޓްހައުސް ޝަހީބް އިބްރާހިމުގެ މައްޗަށް ބޮޑު ތިން ދައުވާއެއް ދައުލަތުން ވަނީ އުފުލާފައެވެ.
އޭނާގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ އިތުރުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ ކޮންމެ ދައުވާއެއްގެ ހުކުމަކީ 25 އަހަރަށް ޖަލަށްލުމާއި 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދަކު ޖޫރިމަނާކުރުމެވެ. މި ތިން ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 75 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި 2019 ވަނަ އަހަރު ނޮވެމްބަރ މަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި 7 މީހުންނާއި ޖާމިނު ވެފައިވަނީވެސް ޝަހީބް އިބްރާހިމްއެވެ. އަދި އޭނައާ ޖާމިނުކޮށް އީރާން 7 މީހުން ކްރިމިނަލް ކޯޓުން އޭރު ބަންދުން ދޫކޮށްލިކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މިމައްސަލާގައި އިއްޔެ ބޭސްފަރުވާއަށް ދޫކޮށްލި އަހްމަދު މޫސާގެ މައްޗަށް ދައުލަތުން ވަނީ 3 ދައުވާއެއް އުފުލާފައެވެ.

