ބޭންކް އޮފް މޯލްޑިވްސް އިން "ބީއެމްއެލް ސްކޮލާޝިޕް ފަންޑް" އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބީއެމްއެލް އިން ވިދާޅުވީ މިސްކޯލާޝިޕަށް އެދި ހުށަހެޅުމަށް މިހާރު ހުޅުވާލެވިފައިވާ ކަމަށާއި މިސްކޯލާޝިޕުގައި ބައިވެރިވެވޭނީ 18 އަހަރާއި 25 އަހަރާއި ދެމެދުގެ މީހުންނަށް ކަމަށެވެ.
މިއީ 2022 ވަނަ އަހަރު ނޮވެންބަރު މަހު ފާހަގަ ކުރާ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ފުރުތަމަ ހަރަކާތް ކަމަށެވެ. އެ ގޮތުން މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ބުނެއެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ އަންނަ އަހަރު ބޭންކުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރާއިރު މިއީ ބޭންކަށް ހާސިލްކުރެވޭ މުހިންމު ލަނޑުދަނޑިއަކަށް ވެގެންދާނެ ކަމަށެވެ. އެ ގޮތުން ބީއެމްއެލް ސްކޮލާޝިޕް ފަންޑުގެ ޒަރިއްޔާ އިން މުޖުތަމަ އަށް އެހީތެރިވެ ގައުމުގެ މުސްތަގްބަލަށް އިންވެސްޓް ކުރެވޭކަމީ ފަހުރުވެރިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ބީއެމްއެލް ސްކޮލާޝިޕް ފަންޑަށް ހުށަހެޅުމާގުޅޭ ތަފްސީލު ބީއެމްއެލްގެ ވެބްސައިޓްގައި ހާމަކުރެވިފައިވާނެއެވެ. މިސްކޯލާޝިޕަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 21 އޭޕްރީލް 2022 އެވެ.
ސްކޮލާޝިޕް ފަންޑު މެދުވެރިކޮށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުން ބޭންކިން އަދި ފައިނޭންސް ގެ ދާއިރާ އިން ތިން ދަރިވަރަކަށް ސްކޮލާޝިޕް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ފަންޑަކީ ކޮންމެ އަހަރަކު ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭނެހެން ހުނަރުވެރި ދިވެހި ޒުވާނުން މި ދާއިރާ އިން ބިނާ ކުރުމުގެ އަމާޒުގައި ހުޅުވާލެވުނު ފަންޑެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

