ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މަސްކިރާގޮތް ބަލައި މަސްވެރިންގެ ކަންބޮޑުވުމާއި ޝަކުވާ އަޑުއެއްސެވުމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ ހުސައިން ރަޝީދު ހަސަން ގއ. ކޫއްޑޫއަށް ވަޑައިގެންފިއެވެ.
މިނިސްޓަރ ކޫއްޑޫގައި ހުންނެވިކަން ހާމަކޮށްފައިވަނީ، ކޫއްޑޫގައި މަސްވެރިންނާއެކު ނަގާފައިވާ ފޮޓޯތަކެއް ޓުވިޓާގައި ހިއްސާކުރުމަށްފަހުގައެވެ. އެގޮތުން ރާއްޖޭގެ ދެކުނަށް މަސްވެރިކަން ރަނގަޅުވެ ގިނަ އަދަދަކަށް މަސްވެރިން މަސްބާނައި ކިރަން ކޫއްޑޫއަށް ދިއުމުގެ ސަބަބުން ކޫއްޑޫއިން މަސް ނެގޭނެ ޖާގަ ނެތުމުގެ ސަބަބުން މަސްގަތުން މިހާރު ވަނީ ކޮންޓްރޯލް ކޮށްފައެެވެ.
އެކަމާއި ގުޅިގެން މަސްވެރިން ވަނީ ކޫއްޑޫގައި ނުރުހުން ފާޅުކޮށްފައެވެ. މިނިސްޓަރގެ މި ދަތުރުފުޅުގައި މިނިސްޓަރވަނީ ކޫއްޑޫގައި މަސްކިރުމަށް މިވަގުތު ތިއްބެވި މަސްވެރިންނާއި ބައްދަލުކުރައްވައި، މަސްވެރިންގެ ކަންބޮޑުވުމާއި ޝަކުވާ އަޑުއައްސަވައި އެކަންތައްތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް މަސްވެރިންނަށް ވައުދުވެފައެވެ.
މިނިސްޓަރ މިހެން ވިދާޅުވި ނަމަވެސް، އެއްވެސް ސަރުކާރަކަށް އަދި މިހާތަނަށް މިކަންތަކަށް ހައްލެއް ހޯދައިދެވިފައި ނުވެއެވެ. މަސްވެރިކަން ރަނގަޅުވާ މޫސުންތަކުގައި މަސްވެރިން ބާނާ މަސް ނުކިރޭ މައްސަލައާއި މަސްވެރިން ބާނާ މަހަށް ހަމައަގު ނުލިބޭ މައްސަލައަކީ މަސްވެރިންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

