ތ.އަތޮޅު ފުނައްޑޫގެ މަސް ކާރުހާނާ މި އަހަރުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ފައުޒީ ވިދާޅުވީ ފުނައްޑޫ މަސް ކާރުޚާނާ ރަނގަޅު ހާލަތަކަށް ގެނައުމަށް ހަދަންޖެހޭ އެސެސްމެންޓުތައް މިހާރު ކުރިޔަށް ގެންދާ ކަމަށާއި ވަރަށް އަވަހަށް އެތަނުން ޚިދުމަތްދޭން ފަށަން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އެގޮތުން އެތަން ސާފުކޮށް އެތަނުގައި ހުރި މެޝިނަރީތަކަށް ދިމާވެފައިވާ މައްސަލަތައް ދެނެގަތުމަށް މިފްކޯގެ ޓެކްނިކަލް މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށް ފައުޒީ ވިދާޅުވިއެވެ. އަދި އެ މަސައްކަތަށް ބޭނުންވާ ބަޖެޓު ހަމަޖެހިއްޖެނަމަ މަރާމާތުގެ މަސައްކަތް އަވަހަށް ނިންމާލެވޭނެ ކަން ފައުޒީ ފާހަގަކުރެއްވިއެވެ.
ފައުޒީ ފާހަނގަ ކުރެއްވި ގޮތުގައި ފުނައްޑޫގައި އޮތް ބަނދަރު މަސްވެރިންނަށް ފަސޭހައިން ވަދެ، މަސް ކިރޭނެ ބަނދަރަކަށް ހެދުމަށްޓަކައި ބޮޑު ޚަރަދެއް ކުރަންޖެހެއެވެ. އެހެންކަމުން އެމަސައްކަތަށް ފައިސާ ހަމަޖެހޭ ވަރަކުން ބަދަރުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށާއި މިހާރު ހުރި ޕްލޭންތަކާއި އެއްގޮތަށް 8 ނުވަތަ 9 މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމައި ޚިދުމަތްދޭން ފެށޭނެކަމަށް މިފްކޯގެ ސީއީއޯ ވަނީ ވިދާޅުވެފައެވެ.
ފުނައްޑޫގައި މީގެ ކުރިން މަސްގަނެ މަސް އެކްސްޕޯޓް ކުރެވުނެވެ. ކުރީގެ ހޯމްމިނިސްޓަރ ތަސްމީނުގެ ފުނައްޑޫ ޓޫނާ ޕްރޮޑަކްޝަންއިން ފުނައްޑޫގައި 2004 ވަނަ އަހަރު ވަނީ މަސްގަނެ އެކްސްޕޯޓްކޮށްފައެވެ. އެހެންނަމަވެސް 2008 ވަނަ އަހަރު އެމަސައްކަތް ވަނީ ހުއްޓާލާފައެވެ. އަދި އެރަށް ތަރައްގީކުރުމަށް ބޭންކަކުން ނެގި ލޯނު ނުދެއްކުމުން ބޭންކުން އެރަށް ވިއްކާލަން އެތައް ފަހަރަކު އިއުލާނުކުރި އެވެ.
މިދިޔަ ހަފްތާގައި ފުނައްޑޫ ސަރުކާރުން ގަތުމަށްފަހު މިފްކޯގެ ދަށަށް ވަނީ ބަދަލުކުރެވިފައެވެ.

