ގުދަނެއްގައި މުދާ އުފުލާ ލިފްޓެއް ވެއްޓި ދެމީހަކަށް ސީރިޔަސް އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލޭ ގުދަނެއްގެ ލިފްޓު ވެއްޓި ދެމީހުންނަށް އަނިޔާ ލިބުނުކަމުގެ ރިޕޯޓް މިއަދު ހަވީރު 5 ޖެހިއިރު ލިބިފައިވާ ކަމަށާއި މިހާދިސާގައި އަނިޔާ ލިބިފައިވަނީ ދެބިދޭސީންނަށް ކަމަށެވެ.
މައުލޫމާތު ލިބުނުގޮތުގައި މިދެމީހުން އެންމެ ފުރަތަމަ ގެންދެވުނީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އެހެންނަމަވެސް މިދެމީހުންނަށް ސީރިޔަސް އަނިޔާތަކެއް ލިބުމާއި ގުޅިގެން އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ވަނީ ފޮނުވާލެވިފައެވެ. އެހެންނަމަވެސް އެދެމީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ.
މިހާދިސާ އާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން ދާނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

