އިދާރީ “އޮޅުމަކުން” ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ގެ މަޖިލީހަށް ހާޒިރު ކޮށް ސުވާލުތަކެއް ކޮށްފިއެވެ.
ޑރ. ހުސެއިން ރަޝީދު ހަސަންގެ ފަރާތުން ލިޔުމުން ޖަވާބު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ސުވާލު ފޮނުވާފައި ވަނިކޮށް މިއަދުގެ މަޖިލީހަށް މިނިސްޓަރ ހާޒިރު ކުރެވިފައިވަނީ އިދާރީ އޮޅުމަކުން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ހުސެއިން ރަޝީދު ހަސަން މަޖިލީހަށް ހާޒިރުވުމަށް ފަހު އެޖެންޑާއާއި އެއްގޮތަށް ވަނީ ވިއްސަކަށް މިނެޓު ވަންދެން ޖަލްސާ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ބައެއް މެމްބަރުން ވަނީ މިނިސްޓަރ އާއި ސުވާލުތަކެއްވެސް ކޮށްފައެވެ. އަދި ޖަލްސާ ކުރިއަށް ދަނިކޮށް ނިޒާމީ މައްސަލައެއް ނަންގަވައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މިނިސްޓަރަށް ސުވާލު ފޮނުވާފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 80 ވަނަ މާއްދާގެ ދަށުން ލިޔުމުން ޖަވާބު ހޯދަން ކަމަށެވެ.
އެއާއި އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޖިލީހުގެ އަމީންއާއްމުއާ ވާހަކަ ދެއްކެވުމަށް ފަހު ނިޒާމީ ނުކުތާ ބަލައިގަންނަ ކަމަށް ވިދާޅުވިއެވެ. އަދި މިނިސްޓަރަށް މަޖިލީހަށް ހާޒިރުވެވަޑައިގަތުމަށް ދެންނެވުނީ މަޖިލީހުގެ އިދާރާއަށް އޮޅުމަކުން ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ މިނިސްޓަރުގެ އަރިހުގައި ވަޑައިގަންނަވަން ދެންނެވުނީ ގޯހަކުން ކަމަށާއި، މިނިސްޓަރަށް ކުރެއްވި ސުވާލުގެ ޖަވާބު ފޮނުވަން ޖެހިފަ އޮތީ ލިޔުމަކުން ކަމަށެވެ. އަދި މި ކަންތައްތައް ހިނގައިދިޔައީ ހިނގަންވީ ގޮތަކަށް ނޫންކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވަނީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންގެ އަރިހުން މަޢާފަށް އެދިވަޑައިގެންފައެވެ.
މަޖިލީހުގެ މިއަދުގެ އެޖެންޑާގައި ވެސް އޮތީ އައިސްޕްލާންޓެއް ހެދުމުގެ މަޝްރޫއަކާ ގުޅޭ ގޮތުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު، ޑރ. ހުސެއިން އާ ސުވާލު ކުރުމެވެ. އެއާއި އެކު މަސްނުކިރޭ މައްސަލައިގައި ހައްލެއް ނުހޯދޭތީވެ ކަންބޮޑުވުންފާޅުކުރައްވައި ބައެއް މެމްބަރުން ވަނީ މިނިސްޓަރ އާއި ސުވާލު ކުރައްވާފައެވެ.

