ޖަރާސީމު ހިމެނޭ ހަވާދުގެ ބާވަތްތައް ރާއްޖޭގެ ބާޒާރުގައި ވިއްކަމުންދާތީ ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.
އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސެލްމޮނެލާއިން ނަމަކަށް ކިޔާ ޖަރާސީމު ހިމެނޭ ހަވާދުގެ ބާވަތެއް ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާ ކަމަށާއި ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް މެދުވެރިކޮށް އެމްއެފްޑީއޭއަށް މައުލޫމާތު ލިބިިފައިވާ ކަމަށެވެ.
ހަވާދުގެ ބާވަތެއްކަމުގައިވާ ވާސްޓެޖެން ސްޕައިސަސް އެންޑް ސޯސް ބީވީ ނަމަކަށްކިޔާ ނެދަލޭންޑްސްގެ އުފެއްދުމެއް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވުމާއެކު އެއުފެއްދުންތައް ނުވިއްކުމަށް ވަނީ އަންގާފައެވެ. އަދި އެބާވަތުގެ ހަވާދު ބޭނުން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އެމްއެފްޑީއޭއިން ސަމާލުވާން އަންގާފައިވާ ހަވާދުތަކަކީ:
- ވާސްޓެޖެން ސްޕްރެޑާ ލެމަންގްރާސް – 25 ގުރާމު
- ވާސްޓެޖެން މިކްސް ނާސި/ބާމި – 30 ގުރާމު
- ވާސްޓެޖެން މިކްސް ސަޓޭ – 30 ގުރާމު
މިތަކެއްޗަކީ ނެދަލޭންޑްސްގެ އެންއެލް ފުޑްސް ބީވީ ނަމަކަށް ކިޔާ ކުންފުންޏަކުން ރާއްޖެއަށް އެކްސްޕޯޓު ކޮށްފައިވާ ހަވާދެކެވެ.
ސެލްމޮނެލާއަކީ ޖަނަވާރުގެ ގޮހޮރުގައި އުފެދޭ ބެކްޓީރިއާ އަކަށް ކިޔާ ނަމެކެވެ. އިންސާނުންނަށް އެންމެ އާންމުކޮށް އެ ބެކްޓީރިއާގެ އަސަރުކުރަނީ ކާބޯތަކެތިންނެވެ. މިބެކްޓީރިޔާގެ ސަބަބުން ތަފާތު ގިނަ ބަލިތައް ޖެހެން މެދުވެރިވެއެވެ. އޭގެތެރޭގައި ބޭރަށް ހިންގުމާއި ހުން އައުން އަދި ބަނޑަށް ތަދުވުންފަދަ ކަންކަމާ ކުރިމަތިލާންޖެހެއެވެ.
ކޮންމެ އަހަރަކުހެން އެމެރިކާގައި ދެ މިލިއަނެއްހާ ސެލްމޮނެލާ ކޭސް ރިޕޯޓުކުރާ ކަމަށް އެގައުމުގެ މެޑިކަލް މައިކްރޮބަޔޮލޮޖިސްޓުން ބުނެއެވެ. މިބެކްޓީރިޔާ ހަށިގަނޑަށް އެތެރެވެއްޖެނަމަ ހަފްތާއެއް ވަންދެން އޭގެ އަސަރު ކުރާނެއެވެ.

