ޕާކިސްތާނުގެ އާ ބޮޑުވަޒީރު ކަމަށް ޝެހްބާޒް ޝަރީފް އައްޔަން ކުރަން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ފާސްކޮށްފިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަގާމު ހުސްވީ އެ މަގާމު ކުރިން އަދާކުރެއްވި އިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އޭނާ މަގާމުން ދުރުކުރުމާ ގުޅިގެންނެވެ.
އުމުރުން 70 އަހަރުގެ ޝަހްބާޒަކީ ޕާކިސްތާން މުސްލިމް ލީގް-އެން (ޕީއެމްއެލް-އެން) ގެ ލީޑަރެވެ. ބޮޑުވަޒީރު ކަމަށް ވަޑައިގެންނެނެވުމާ ބެހޭ ގޮތުން އޭނާ ވިދާޅުވީ މިއީ ޕާކިސްތާނަށް އާ އަލިވިލުމަކަށް ވާނެ ކަމަށާއި ކުރިއަށް އޮތީ ގައުމުގެ ސިޔާސީ މަސްރަހް އޮމާންކަމާ އެކު ކުރިއަށް ވަޑައިގެންނެވުން ކަމަށެވެ.
އަދި އެ މަގާމަށް ވަޑައިގެންނެވުމަށް އަސްކަރިއްޔާއާ އޮންނަ ގުޅުން ވަރުގަދަކޮށް ގައުމުގެ އިގުތިސާދީ ހާލަތު ރަނގަޅުކުރަން އެމެރިކާއާ އޮންނަ ގުޅުން ވެސް ބަދަހިކުރުން އެއީ ސަރުކާރުން އެންމެ އިސްކަންދީގެން ކުރާނެ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގައި ބޮޑުވަޒީރަކު ހޮވުމަށް ވޯޓުލުން ކުރިއަށް ދިޔައީ ޕާކިސްތާނު ގަޑިން މިއަދު މެންދުރުފަހު 2 ޖެހިއިރުއެވެ.
އިމްރާން ޚާން އިސްވެ ހުންނަވައިގެން އުފެއްދި ޕާކިސްތާން ތަހްރީކޭ އިންސާފް ސަރުކާރުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓު ހޮނިހިރު ދުވަހުގެ ރޭ އެގައުމުގެ ނޭޝަނަލް އެސެމްބްލީގައި ކުރިއަށް ގެންގޮސްފައި ވާއިރު، އިމްރާން ޚާން ވެރިކަމުން ދުރުކުރި ގަރާރަށް ތާއީދުކޮށް 174 މެންބަރަކު ވަނީ ވޯޓް ދެއްވާފައެވެ.

