ގައްދޫ އެސޯސިއޭޝަން އޮފް ނިއު ޖެނެރޭޝަން (ގޭންގް) އިން އަގުބޮޑު އިނާމްތަކާއެކު ރޯދަ ކުއިޒެއް ފަށައިފިއެވެ.
އެޖަމިއްޔާއިން ހާމަކުރި ގޮތުގައި ރަމަޝާންމަހަށް ހާއްސަކޮށް “ރޯދަ ކުއިޒް”ގެ ނަމުގައި މިމަހު 11 ވަނަ ދުވަހު ފަށާފައިވާ ކުއިޒަކީ ދީނީ ސުވާލުތަކަށް ޖަވާބު ދީގެން އިނާމް ހޯދުމަށް ބާއްވާ މުބާރާތެކެވެ. މިމުބާރާތުގައި ވަނަވަނައަށް ދާ ފަރާތްތަކަށް އަގުހުރި ފައިސާގެ އިނާމް ލިބިގެންދާނެއެވެ.
އެގޮތުން ބަލާއިރު:
- 1 ވަނަ އަށް ހޮވޭ ފަރާތަކަށް -/3000 ރުފިޔާ
- 2 ވަނައަށް ހޮވޭ ފަރާތަށް -/2000 ރުފިޔާ
- 3 ވަނައަށް ހޮވޭ ފަރާތަކަށް -/1000 ރުފިޔާ ލިބިގެންދާނެއެވެ.
މިމުބާރާތް ކުރިޔަށްދާނީ ގޭންގް ޖަމިއްޔާގެ ފޭސްބުކް ޕޭޖް https://www.facebook.com/Gadhdhoo-Association-of-New-Generation-886070035064629 މެދުވެރިކޮށެވެ. އެދުވަހުގެ ސުވާލަށް ޖަވާބު ދޭންޖެހޭނީ ފޭސްބުކް ޕޭޖަށް މެސެޖް ކުރައްވައިގެންނެވެ. އަދި ސުވާލުތަކުގެ ޖަވާބު ފޭސްބުކް ޕޭޖަށް މެސެޖް ކުރައްވާއިރު ޖަވާބު ލިޔުއްވައި ފޮޓޯގެ ގޮތުގައި ފޮނުވާ ޖަވާބުތައްވެސް ބަލައިގަނެވޭނެ ކަމަށް އެޖަމިއްޔާއިން ބުނެއެވެ. އެހެންނަމަވެސް ކޮންމެ ބޭފުޅެއްގެ ނަމުގައިވެސް ފޮނުވޭނީ އެންމެ ޖަވާބެކެވެ.
ކޮންމެ ދުވަހަކު ގޭންގު ޕޭޖުން ގެނެސްދޭ ދީނީ ސުވާލަށް ޖަވާބު ދޭންޖެހެނީ އެދުވަހެއްގެ ރޭގަނޑު 00:00 ގެ ކުރިންނެވެ. މިމުބާރާތުގެ ދަށުން ކޮންމެ ދުވަހަކު އެއް ސުވާލު ގެނެސްދެވޭނެއެވެ.
ގޭންގް ޖަމިއްޔާއިން ބުނާގޮތުގައި ކުއިޒްގައި ހުށަހަޅާ ސުވާލުތަކުގެ ތެރެއިން އެންމެ ގިނަ ރަނގަޅު ޖަވާބު ފޮނުވާ 3 ފަރާތަކަށް އިނާމު ލިބިގެންދާނެއެވެ. އަދި މިކުއިޒް އަންނަ މަހު 1 ގެ ނިޔަލަށް ކުރިޔަށް ގެންދެވޭނެ ކަމަށް ގޭންގުން ވަނީ ހާމަކޮށްފައެވެ.
ގޭންގް ޖަމިއްޔާއިން މީގެ ކުރިންވެސް ވަނީ ވަރަށް ގިނަ ތަފާތު ކަންތައްތައް ރާވާ ހިންގާފައެވެ. މިއީ ރަށުގެ އިޖްތިމާއީ މަސައްކަތްތަކުގައި ހަރަކާތްތެރިވެ ޒުވާނުންގެ ކުރިއެރުމަށް ގަދައަޅާ މަސައްކަތްކުރާ ހިންގުންތެރި ޖަމިއްޔާއެކެވެ.

