ދެކުނަށް މަސްވެރިކަން ރަނގަޅުވެ ބާނާ މަސްތައް ނުކިރޭތީ ދެކުނުގެ މަސްވެރިން ކޫއްޑޫގައި މިރޭ މުޒާހަރާ ކުރަންފަށައިފިއެވެ.
ކޫއްޑޫގައި މިވަގުތު މަސްވެރިން މުޒާހަރާ ކުރަމުންދާއިރު، ދެކުނުގެ ފަސް އަތޮޅުގެ މަސްވެރިން ހިމެނޭގޮތަށް ބޮޑު އެއްވުމެއް ބޭއްވުމަށް މަސްވެރިން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ ހުކުރު ދުވަހު 5 އަތޮޅުގެ މަސްވެރިން ކޫއްޑޫއަށް ޖަމާވެ، ސަރުކާރަށާއި މިފްކޯއަށް އަޑު އިވެންދެން މުޒާހަރާ ކުރަން ނިންމާފައިވާ ކަމަށެވެ.
މިވަގުތު ކޫއްޑޫގައި 7 މަސްދޯނި މަސް ނުކިރިގެން ކިއުގައި ތިބިއިރު، ދޯނި ތަކުން ބޭނި މަސްތައް ކުނިވަމުންދާ ކަމަށް އެސަރަޙައްދުގައި ހުރި މަސްވެރިޔަކު ހުވަދޫ ނޫހަށް މައުލޫމާތު ދެއްވިއެވެ. އޭނާ ބުނި ގޮތުގައި ކޮންމެ އަހަރަކުވެސް މަސްވެރިކަން ރަނގަޅު ދުވަސްވަރުގައި މިފްކޯގެ ކެޕޭސިޓީ ނެތް ކަމަށް ބުނެ މަސްގަތުން ކޮންޓްރޯލް ކުރާކަމަށާއި، އޭގެ ސަބަބުން ގިނަ ދަތި ތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޫއްޑޫގައި މަސްކިރުމަށް މިވަގުތު އޮތީ ޖުމްލަ 2 ބޯޓެވެ.
ކޫއްޑޫ މުޒާހަރާގައި މިވަގުތު ހުރި އެހެން މަސްވެރިޔަކު މި ނޫހަށް މައުލޫމާތު ދެމުން ބުނީ، ފަތިހު 5 ޖެހި އިރު މަސްކިރަން ފެށި ގޮތަށް އަދިވެސް ބޭނި މަސްތައް ނުކިރޭ ކަމަށާއި، އެހެން ކަމުން ދެން އިތުރަށް މިފްކޯ އަކަށް މަސްކިރުވިޔަ ނުދޭނެ ކަމަށެވެ. އަދި މަސްކިރުމަށް އޮތީ އެންމެ އުސޫލެއް ކަމަށާއި، އެއީ އެ ދޯންޏެއްގައި ހުރި ހުރިހާ މަހެއް މިފްކޯއިން ގަތުން ކަމަށެވެ.
ކޫއްޑޫގައި މަސްވެރިން މުޒާހަރާ ކުރަން ފެށި ހިސާބުން ފުލުހުން ވަނީ ކޫއްޑޫ އަށް ގޮސް މުޒާހަރާ ހުއްޓުވައި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކޮށްފައެވެ. އަދި މިހާރުވެސް ފުލުހުން ދަނީ ކޫއްޑުގައި މަސްވެރިންނާއި ވާހަކަ ދައްކައިގެން ސުލްހަކުރުމަށް މަސައްކަތް ކުރަމުންނެވެ.
މިކަމާއި ގުޅިގެން މިފްކޯގެ ބަހެއް އަދި ލިބިފައި ނުވާއިރު، މަސްވެރިން ދަނީ ކޫއްޑޫގައި މަސްކިރުވުން ހުއްޓުވައި ނުރުހުން ފާޅުކުރަމުންނެވެ. އަދި މިފްކޯގެ މަސްކިރާ ކެރޭނަށްވެސް މަސްވެރިން އަރާ އެ ކެރޭނުގެ އޮޕަރޭޝަން ހުއްޓުމަކަށް ވަނީ ގެނެސްފައެވެ.
މިދިޔަ ހަފްތާގައި މަސްވެރިކަން ރަގަޅުވެ ކޫއްޑޫގެ ކެޕޭސިޓީއަށްވުރެ ގިނައިން މަސްބާނަމުން ދިއުމާއި ގުޅިގެން މިފްކޯއިންވަނީ މަސްކިރުން ކޮންމެ ދޯންޏަކަށް ދުވާލަކު 5 ޓަނަށް ލިމިޓް ކޮށްފައެވެ. ނިމިގެން ދިޔަ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުވެސް މިފްކޯއިންވަނީ މަސްގަތުން 5 ޓަނަށް ކޮންޓްރޯލް ކޮށްފައެވެ.
މަސްކިރުމަށް ވަގުތީ ހައްލެއް ގެނައުމުގެ ގޮތުން މިފްކޯއިން ބޭރުން ބޯޓެއް ގެންނަން މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަންވެސް ވަނީ ވިދާޅުވެފައެވެ.

