އއ.ތޮއްޑޫގައި ހާފިޒަކަށްވާ ކޮންމެ މީހަކަށް އެ ރަށު ކައުންސިލުންގެ ފަރާތުން 50،000ރ. ދޭން ނިންމައިފިއެވެ.
ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް މީޑީޔާއަށް މައުލޫމާތުދިން ގޮތުގައި އއ. ތޮއްޑޫ ރައްޔިތުންގެ ތެރެއިން ގުރުއާން ހިތުދަސް ކުރާ ކޮންމެ މީހަކަށް އެ ރަށު ކައުންސިލުންގެ ފަރާތުން ބައިލައްކަ ރުފިޔާ ދޭން ނިންމާފައިވަނީ ކީރިތި ގުރުއާނަށް ލޯބި ޖެހިފައިވާ ޖީލެއް އުފެއްދުމުގެ ބޭނުމުގައެވެ.
ކަރަމް ވިދާޅުވާ ގޮތުގައި ރަމަޟާންމަހުގައި ތަރާވީސް ނަމާދު ކުރުމަށް ރަށުން ބޭރުން ހާފިޒުން ގެނައުމުގެ ބަދަލުގައި ރަށުގައި ހާފިޒުން އިތުރުކޮށް ރަށު މީހުން ލައްވައި ތަރާވީހް ކުރުވުމުން ރަށުން ބޭރުން ހާފިޒުން ގެންނަން ހޭދަވާ ޚަރަދުތައް ކުޑަވެގެންދާނެއެވެ. ކަރަމް ފާހަނގަކުރިގޮތުގައި ރާއްޖެއިން ބޭރުން ގެންނަ ކޮންމެ ހާފިޒަކަށް ގާތްގަނޑަކަށް 50،000ރ ޚަރަދުކުރަންޖެހެއެވެ.
މީގެ އިތުރުން ކައުންސިލާ ގުޅިގެން ހިފްޒު ކްލާސް ތަކެއް ކުރިއަށް ގެންދިއުމަށް ބޭނުންވާ ގުރުއާން ކްލާސްތަކަށް އެ ފުރުސަތު ހުޅުވާލަން ވެސް ނިންމާފައިވާ ކަމަށާއި ހިފްޒު ކްލާސްގައި ބައިވެރިވާ ކުދިންގެ ތެރެއިން ފޮތް ނިންމާ ކުދިންނަށްވެސް ހަދިޔާއެއްގެ ގޮތުގައި ބައިލައްކަ ރުފިޔާ ދޭން ނިންމާފައިވާ ކަމަށް ކަރަމް ވިދާޅުވިއެވެ.
ތޮއްޑޫގައި ހާފިޒުން އުފެއްދުމުގެ އަނެއް މަގުސަދަކީ ރަށުގެ ހަތަރު މިސްކިތުގައި ތަރާސްވީސް ކުރެވުމަށްވެސް ކުރެވިގެންދާ މުހިންމު ކަމެއް ކަމަށް ކަރަމް ވިދާޅުވިއެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ މިހާރުގެ ކައުންސިލް ދައުރު ފެށި ހިސާބުން ތޮއްޑޫގެ ދަފްތަރުގައި ތިބި މީހުންނަށެވެ. ހާފިޒު ކަމުގެ ކުލާހަށް ކޮންމެ އުމުރެއްގެ ބަޔަކަށްވެސް ބައިވެރިވެވޭނެ ކަމަށާއި، އެ ކުލާހުން ހޮވާލެވޭ ކުދިން މާލެއަށް ފޮނުވާ ގުރުއާނާ ބެހޭ މަރުކަޒުން ޓެސްޓް ކުރުމަށްފަހު، ހާފިޒުކަމުގެ ސަނަދު ލިބުމާއެކު ކައުންސިލުން ހުށައަޅާ 50،000ރ. ގެ އިނާމު ލިބޭނެ ކަމަށް ކަރަމް ވިދާޅުވިއެވެ.
ކަރަމް އިތުރަށް ވިދާޅުވީ ހާފިޒުންނަށް ދޭ 50،000ރ. ތެރެއިން 25،000ރ. އަކީ ސީދާ ކައުންސިލްގެ ރައީސް ކަރަމްގެ އަތުން ދޭ ފައިސާ ކަމަށާއި، އަނެއް 25،000ރ. އަކީ ހެޔޮ އެދޭ ފަރާތެއްގެ ދީލަތި އެހީއާ އެކު ލިބޭ ފައިސާ ކަމަށެވެ.

