ސިއްހީ ދާއިރާ ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒަކަށް ހެލްތު ކިޓު ހަދިޔާކުރުމަށް އުރީދޫން ފެށި މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ހެލްތު ކިޓު ހޯޑެއްދޫ ސިއްހީ މަރުކަޒަށް ހަދިޔާކޮށްފިއެވެ.
އެންމެ ފުރަތަމަ ހެލްތު ކިޓު ގދ.ހޯޑެއްދޫ، ހެލްތު ސެންޓަރަށް މިއަދު ހަދިޔާކޮށްފައިވާއިރު، އެ ކިޓު ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު އެވެ.
އުރީދޫން ފެށި މި މަސައްކަތުގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދުގައި ވާ 167 ހެލްތު ސެންޓަރާއި ހެލްތު ޕޯސްޓަށް މި ކިޓު ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. މި ކިޓުގައި ސްޓެތެސްކޯޕު، ޑިޖިޓަލް ސްފިގުމާނޯމީޓަރު، ޕަލްސް އޮކްސިމީޓަރު، އޮޓޮސްކޯޕް، ޑިޖިޓަލް ތާމޯމީޓަރު އަދި ނެބިއުލައިޒާ މެޝިން ފަދަ ސިއްހީ ފަރުވާއަށް އާންމުކޮށް ބޭނުންކުރާ މުހިންމު އާލާތްތައް ހިމެނޭނެއެވެ.
އުރީދުން ވަނީ މިއަހަރުގެ ތެރޭގައި މި ކިޓުތައް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

