ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދާރާތަކަށް ދާން ޖެހިއްޖެ ހާލަތެއްގައި އިދާރާތަކަށްވެސް ދާނެ ކަމަށް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ހިޔާ ފްލެޓްތަކުގެ ފިނިޝިން މައްސަލައިގަައި މިއަދު އާދަމް ޝަރީފް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލުމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ މިބާވަތުގެ ކަންތައްތަކުގައި ސަރުކާރުން ރައްޔިތުންގެ އަޑު ކަޑުވާލަން މަސައްކަތް ކުރަމުންދާ ކަމަށާއި މަޖިލީހަށް ކުއްލި މައްސަލަ ވައްދައިގެން ރައްޔިތުންގެ މައްސަލަތަކަށް ހައްލެއް ނާންނަ ނަމަ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެހެނިހެން ގޮތްގޮތުން މަސައްކަތް ކުރައްވާނެ ކަމަށެވެ.
މަޖިލީހުގެ އިދާރާގައި މިއަދު އިދިކޮޅު ކޯލިޝަންގެ ޕީޖީ ގްރޫޕޫން ބޭއްވި ޕްރެސް ބްރީފިންގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، މިސަރުކާރުން ރައްޔިތުންނާއި ދޭތެރޭ އެއްވެސް އިޚުލާސްތެރިކަމެއް ނެތި މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ސަރުކާރުގެ އެ ސިޔާސަތުތަކާ އެއްގޮތަށް މަޖިލިސްގެ މެޖޯރިޓީ ޕާޓީންވެސް އެމޭރުމުން ކަންތައް ކުރަމުންދާ ތަން ފެނިގެންދާކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ހަވާލުކޮށްފައިވާ ބައެއް ކުންފުނިތަކުން ހަ މިލިއަން ރުފިޔާ އަށް ވުރެ ގިނައިން 70 ވަރަކަށް ފްލެޓުން ނަގާފައި ވާއިރު، އޭގެ ތެރޭގައި އެހެން ކުންފުނިތަކާ މަސައްކަތް ހަވާލުކުރި ކުންފުނިތައް ހިމެނެއެވެ.
އެހެންނަމަވެސް އެފަދަ ކުންފުނިތަކަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ސަރުކާރުން އެކި ބަހަނާތައް ދައްކައި ފްލެޓްތައް ލިބުނު ފަރާތްތަކަށް ޖެއްސުން ކުރަމުންދާކަން އާދަމް ފާހަނގަކުރެއްވިއެވެ. އެގޮތުން ފްލެޓްތަކުގެ ކުލި ނެގުމުގައިވެސް ގެންގުޅެނީ އެކި ފަހަރު އެކި އުސޫލުކަމަށް ބުނެ އާދަމް ޝަރީފް ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.
އާދަމް ޝަރީފް އިތުރަށް ވިދާޅުވީ މަޖިލީހުގެ ބައެއް މެމްބަރުންގެ ހިއްސާ އޮންނަ ކުންފުނިތައް އޭގެ ތެރޭގައި ހިމެނޭތީ މިއަދު މަޖިލީހަށް ހުށަހެޅި ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތްތައް ހަވާލުކޮށްފައިވާ ކުންފުނިތަކުގެ މައްސަލަ ބޭރުކޮށްލީ ކަމަށެވެ.
މިސަރުކާރެކޭ އެއްގޮތަށް އެމްޑީޕީންވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ އަޑު ކަނޑުވާލަން ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް ރައްޔިތުންގެ ހައްޤުގައި އަޑުއުފުލާ ރައްޔިތުންގެ ހައްޤު ހޯދައިދޭން މަސައްކަތް ކުރުން ހުއްޓާނުލާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

