ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، ކޫއްޑޫއަށް މަސް ނުކިރުވޭތީ މަސްވެރިން ނުރުހުން ފާޅުކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ކިތަންމެ ގިނައިން ބޭނި ކަމުގައި ވިޔަސް ދޯންޏަކުން ކިރުވާ ލެވެނީ ދުވާލަކު 5 ޓަނު މަހެވެ. ބައެއް ދޯނި ފަހަރު 30 ޓަނުން މަސްބާނާ އިރު މުޅި ކޫއްޑޫ އެއޮތީ މަސްކޮޅު ކިރޭތޯ ކިޔު ހަދާފައެވެ.
މިވަގުތު ވެސް ފުރެންދެން މަސް ހުރި 5 ދޯންޏާއެކު 10 ވަރަކަށް ދޯނި ކޫއްޑޫ ފަޅުގައި އެބައޮތެވެ. މަސްވެރިކަން ދުޅަހެޔޮވެ މަސްވެރިން ފިސާރި ރަނގަޅަށް ހަށި ފޮޅާލައިގެން ތެދުވެ ޖޯޝާއި ފޯރީގައި މާކަނޑު ތަކުން ބޭނި މަސްތައް ހިފައިގެން ކޫއްޑޫ ބަނދަރަށް ގާތް ވުމާއެކު 5 ޓަނު މަސް ކިރުވަން މަޑު ކުރަން ބުނި ހިސާބުން ފެށިގެން މިއަދާ ހަމަޔަށް އައިއިރު މައްސަލަ އެއޮތީ ބޮއްސުން ލާފައެވެ.

ތިނަދޫގައި ހުން އައިސްޕްލާންޓުން ދޯންޏަކަށް އައިސް އަޅަނީ ހުވަދޫ ފޮޓޯ: މުހައްމަދު އަޚްތަރު
އެތައް މަހެއް އުކާލަން ޖެހިއްޖެއެވެ. މަހަށް ނުފުރި ތިން ހަތަރު ދުވަސް ބައެއް މީހުން ހަފްތާއެއް ތިބެން ޖެހި މަސްވެރިން ގެ ކެތްތެރިކަން ކޮޅުން ލައިގެން ހިގައްޖެއެވެ. ރޯދަ މަހުގައި ރޯދަ އަށް ތިބެ ކުރަން ޖެހުނު ބުރަ މަސައްކަތާއި އުފުލަންޖެހުނު ބުރައިގެ ސަބަބުން މުޅި އޮޕަރޭޝަން ހުއްޓުމަކަށް އައިސް މުޒާހަރާ އަކަށް ބަދަލުވެ އިހުތިޖާޖު ކުރަން ފަށައިފިއެވެ.
ސަރުކާރުގެ ކުންފުނި ޕްރެޝަރަށް ވެއްޓި އާދަކާދައިގެ މަތިން އޮޅުން ބޮޅުން އަރައި އިތުރަށް ގޯސް ވެއްޖެއެވެ. މިއަދު މަސްވެރިން އެތިބީ ދޫދޭކަށް ނޫނެވެ. ކޮޅެއްގައި ހައްސައި ބޭނި ހުރިހާ މަހެއް ވެސް ކިރޭނެ އުސޫލެއް ހޯދުމަށް އިޙްތިޖާޖް ކުރުމުގައި ދެމިތިބުމަށެވެ. މަސްވެރިން ރަތަށް އަރައި ތިބެ ކުރަމުން ދާ އިހުތިޖާޖު ގެ ސަބަބުން ސަރުކާރުގެ ކުންފުނި މިފްކޯ ވެސް ދަނީ ގެއްލުން ލިބޭ ވާހަކަ ފެންމަތިކޮށް ކޫއްޑޫގެ އޮޕަރޭޝަން ހުއްޓި ހިނގާ ކޮންމެ މިނެޓެއްވެސް ވާނީ ބޮޑު ގެއްލުން ތަކެއް ކަމަށް ބުނެ އެކަން ވެސް ހިސާބަކަށް ހަދާފައެވެ.
އެހެންކަމުން ސަރުކާރަށް މިއޮތީ އިތުރު "ޗޮއިސް" އެއް ނެތި ހުރިހާ ދޯންޏެއްގެ މަސް ގަނެނަން ޖެހިފައެވެ. ކަން މި ހިސާބަށް ގޮސްފައި އޮތް އިރު ދެކުނުގެ ހުރިހާ މަސްވެރިން އެއްތަންވެ ކޫއްޑޫ ބަނދަރުގައި ބޮޑު މުޒާހަރާއެއް ކުރަން ތައްޔާރުވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
ރާއްޖޭގެ މަސްވެރިން އަބަދުވެސް ކުރަމުން އަންނަ ދަނީ އެންމެ އުއްމީދެކެވެ. މަސްވެރިކަމަށް ހަމަ އަގު ލިބުމެވެ. ސަރުކާރުގެ ވެސް އެންމެ ބޮޑު އެއް ވައުދަކީ މަސްވެރިކަން ތަރައްޤީކޮށް މަހުގެ ހަމައަގު ދިނުމެވެ. ނަމަވެސް މިއަދާ ހަމަޔަށްވެސް އެމަގަށް މަސައްކަތް ކުރިއަކަށް ނުކަނޑައެވެ. ކެޕޭސިޓީ އަށް ހަލުއި ބަދަލެއް ނާދެއެވެ. މަސްވެރިންގެ ޖީބަށް ބޮޑުވެ ހިނިތުންވުން ނުލިބޭއެވެ. އެއްވެސް ސަރުކާރަކުން މަސްވެރިންނަށް ހައްލެއް ހޯދައި ނުދެވުނެވެ.

