އަންނަ މެއި މަހުގައި 26 ސްޕެޝަލިސްޓް ޑޮކްޓަރުން ރާއްޖެ އަންނާނެ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދު ޖަލްސާގައި ރާއްޖޭގެ ޞިއްޚީ ނިޒާމުގައި ހުރި މައްސަލަތަކުގެ ތެރެއިން ޑޮކްޓަރުންގެ ދަތިތަކަށް ހައްލު ގެނައުމަށް ކުރަމުންދާ މަސައްކަތަކާއި ގުޅޭގޮތުން ކުރެންދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ހެލްތު މިނިސްޓަރ އަހުމަދު ނަސީމާއި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ސިއްޚީ ދާއިރާގައި ޑޮކްޓަރުން މަދުވުމަކީ މިދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށާއި މިމައްސަލައަށް ހައްލު ހޯދައިދޭން މިނިސްޓްރީން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ސިއްޚީ ދާއިރާގައި ޚިދުމަތްކުރާ ޑޮކްޓަރުންގެ ދަތިކަމަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތުގައި މޭމަހުގެ ތޭރޭގައި ކިއުބާއިން 26 ޑޮކްޓަރަކު ރާއްޖެ އަންނާނެކަމަށް ހެލްތު މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ނަސީމް ވިދާޅުވި ގޮތުގައި ކޮވިޑް ޕެންޑަމިކާއި ގުޅިގެން ރާއްޖޭގައި ތިބި ގިނަ ޑޮކްޓަރުން އެނބުރި ޤައުމަށް ދިޔައީއެވެ. ބަދަލުގައި ޑޮކްޓަރުން ހޯދުމުގައި ވަރަށް ގިނަ ގޮން ޖެހުންތައް ހުރިކަމަށާއި ޚާއްސަކޮށް މިސަރަހައްދުން ޑޮކްޓަރުން ލިބުމުގައި އޮތް ދަތިކަމަކީ އެންމެ ބޮޑު ގޮންޖެހުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ނަސީމް ވިދާލުވީ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލަކަށް އަދި ސިއްޚީ މަރުކަޒުތަކަށް ޞިއްޚީ ޚިދުމަތް ދިނުމަށް ބޭނުންވާ މިންވަރަށް ޑޮކްޓަރުންނާއި، މުވައްޒިފުންނާއި، ވަސީލަތް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި މެއި މަހު 26 ޑޮކްޓަރުން ރާއްޖެ އައުމުން ކޮންމެވެސް ވަރެއްގެ ހައްލު މިމައްސަލައަށް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބަޖެޓް ކުރެވިފައިވާ ރަށްރަށުގެ ޞިއްޚީ މަރުކަރުކަޒުތަކާއި، އާބާތުރަ ފިލުވުމަށް ބަޖެޓް ކުރައްވާފައިވާ ހޮސްޕިޓަލުތަކާއި، މަރުކަޒުތަކާއި ގުޅިގެން މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ތެރޭގައި ގިނަ ރަށްރަށުގެ މަސައްކަތްތައް ފެށިގެންދާނެކަމަށެވެ. އަދި ޞިއްޚީ ޚިދުމަތްދޭ ތަންތަނުގައި ހުރި މުވައްޒިފުންގެ ދަތިތަކަށްވެސް މިއަހަރުގެ ތެރޭގައި ހައްލު ގެނެވޭނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

