މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ފުރުޞަތު ފަހިކޮށްދިނުމަށް އެމްޓީސީސީ އާއި އެންޑީއޭއާ ދެމެދު އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވުނު މިރަސްމިއްޔާތުގައި އެންޑީއޭގެ ފަރާތުން ސޮއިކުރެއްވީ އެކްޓިންގ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލާ މަރިޔަމް ޙާލިދާއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމެވެ.
މިފަދަ އެއްބަސްވުމެއްގައި ސޮއި ކުރެއްވުމުގެ މައިގަނޑު މަޤްސަދަކީ މަސްތުވާ ތަކެތީގެ ވަބާގައި ޖެހި ގެއްލިފައިތިބި ހުނަރުވެރި ޒުވާނުން މުޖުތަމައުއަށް ނެރުންކަމަށާއި އެންޑީއޭ އިން ދެމުންދާ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށް މުޖުތަމަޢުއާއި ގުޅޭ ފަރާތްތައް މުޖުތަމަޢުއަށް އަހުލުވެރި ކުރުމުގެ ގޮތުން ކުރިއަށް ގެންދާ “ރީއިންޓަރގްރޭޝަން އެންޑް އާފްޓަރ ކެއާރ” ގެ ޕްރޮގްރާމަށް އެމްޓީސީސީގެ ފަރާތުން އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުން ކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.
ތިން އަހަރު ދުވަހުގެ މިއެއްބަސްވުމުގެ ދަށުން ޝަރުތު ހަމަވާ ބައިވެރިން ނިންމާނީ އެންޑީއޭއިން ހުށަހަޅާ ލިސްޓަކަށެވެ. އެހެންކަމުން އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ އުޅުމާއި، އަޚްލާޤާއި ސުލޫކް އަދި މަސައްކަތް ކުރާގޮތުގެ ރިވިއު ރިޕޯޓެއް، ކޮންމެ މަހަކު އެންޑީއޭގެ ކޭސްވޯކަރާއި ހިއްސާކުރެވޭނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
އެމްޓީސީސީން ވިދާޅުވި ގޮތުގައި އެ ފަރާތްތަކަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު އެމްޓީސީސީން ފަހިކޮށްދޭނީ ކުންފުނީގެ އިޖްތިމާޢީ ޒިންމާ ގެ ދަށުން ކަމަށެވެ. އަމާޒަކީ މި ޕްރޮގްރާމް ފުރިހަމަކުރާ މީހުން މުޖުތަމަޢުއަށް ބޭނުންތެރި ބައެއްގެ ގޮތުގައި ތަމްރީން ކުރުން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

