އަންނަ ފިތުރު އީދާއި ދިމާކޮށް މޯލްޑިވިއަން އިން މެލޭޝިޔާއަށް ދަތުރުކުރާ ފަރާތްތަކަށް ހާއްސަ ފެއާރއެއް ބާއްވަން ނިންމައިފިއެވެ.
މޯލްޑިވިއަންއިން ހާމަކުރި ގޮތުގައި މިމަހު 28 ގައި މެލޭޝިޔާއަށް ބޭއްވުމަށް ނިންމާފައިވާ ހާއްސަ ފްލައިޓްގެ އަގު މިވަނީ ކުޑަކޮށްފައެވެ. މިފްލައިޓް އެނބުރި މާލެ އަންނާނީ މެއި މަހު 7 ވަނަ ދުވަހުގައެވެ.
މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފާ އަދަދު މީޑިޔާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މިިއީ ހާއްސަ އޮފާއެއްގެ ދަށުން އީދާ ދިމާކޮށް ބާއްވާ ފްލައިޓެއް ކަމަށާއި ފެއަރގެ ދަށުން ދަތުރުގެ ދެކޮޅު ޓިކެޓް ފެށޭ އަގަކީ 399 ޑޮލަރު ކަމަށެވެ.
ޖެނިފާ ވިދާޅުވި ގޮތުގައި މިފެއާގެ ދަށުން ވިއްކަން ހަމަޖެހިފައިވަނީ 200 ޓިކެޓެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ވަރަށް ގިނަ ޤަައުމުތަކުގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން މިވަނީ ހުޅުވާލެވިފައެވެ. އެގޮތުން މެލޭޝިޔާގެ ބޯޑަރު ހުޅުވާލެވުނީ މިމަހު އެކެއްގައެވެ. ދަތުރުފަތުރުކޮށް އުޅުމުގައި ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކުން މިހާރު ކަރަންޓީނުވާކަށް ނުޖެހެއެވެ.

