ފަތުރުވެރިކަމުގެ ދާއިރާއިން އާދަޔާ ޚިލާފު ކުރިއެރުންތަކެއް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމަށް އިސްކަންދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމާބެހޭ ކޮމިޓީގެ މުއްދަތު ހަމަވުމާ ގުޅިގެން، އެ ކޮމިޓީ އަލުން އެކުލަވައިލައްވައި، މިއަދު އެކޮމިޓީއާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.
މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މުއްދަތު ހަމަވެގެންދިޔަ ކޮމިޓީގެ މެންބަރުން ކޮށްދެއްވި އިޚްލާޞްތެރި މަސައްކަތްޕުޅުތަކަށްޓަކައި އެ ކޮމިޓީގެ ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ.
ޚާއްޞަ އިނާމާބެހޭ ކޮމިޓީ އަލުން އެކުލަވައިލެއްވިއިރު، ކުރިން ކޮމިޓީގައި ހިމެނިވަޑައިގެންނެވި 5 ބޭފުޅަކު ކޮމިޓީގައި ވަނީ ހިމަނުއްވާފައެވެ.
އެގޮތުން ކޮމިޓީގެ ޗެއަރޕަރސަނަކަށް ހަމަޖެއްސެވީ، ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާއެވެ. ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފާއި، ޑޮކްޓަރ އަޙްމަދު ޢަލިމަނިކާއި، ޢާއިޝަތު ޝާހީނާއި، މަރްޔަމް ޝިފްޒާނެވެ. ކޮމިޓީއަށް އަލަށް ޢައްޔަން ކުރެއްވި ދެ ބޭފުޅުންނަކީ، ޑޮކްޓަރ ޢަބްދުލްމުޙްސިން މުޙައްމަދާއި، އަލްއުސްތާޛާ ޢާއިޝަތު ސަމާޙެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަ އިނާމު ދެއްވުމުގައި މިހާތަނަށް ޢަމަލުކުރައްވަމުން ގެންދެވި އުޞޫލުތަކާ ބެހޭގޮތުން އިތުރަށް ކޮމިޓީގައި މަޝްވަރާ ކުރައްވައި، ގެންނަވަންޖެހޭ އިތުރު ބަދަލުތައް ގެންނެވުމަށް އެދިވަޑައިގެންނެވިއެވެ.
އަދި މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރާ އަހަރު ކަމަށްވާތީ، ފަތުރުވެރިކަމުގެ ދާއިރާއިން އާދަޔާޚިލާފު ކުރިއެރުންތަކެއް ޙާޞިލުކޮށްފައިވާ ފަރާތްތަކަށްވެސް މި އަހަރު މި އިނާމު އެރުވިދާނެ ގޮތްތަކެއް ކަނޑައެޅުއްވުމަށް އިސްކަންދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ޚާއްޞަ އިނާމާބެހޭ ކޮމިޓީގެ ޗެއަރޕަރސަން ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާ ދެއްކެވި ވާހަކަފުޅުގައި، ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އިތުބާރާއި ޔަޤީންކަން އެގޮތުގައި ދަމަހައްޓަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވި އިރުޝާދާ އެއްގޮތަށް މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމުގައިވެސް ވިދާޅުވިއެވެ.
ޚާއްޞަ އިނާމަކީ، ޢިލްމާއި، ހުނަރާއި، އުފެއްދުންތެރިކަމުގެ ގޮތުން ހިތްވަރާއެކު ހޯދާ ކާމިޔާބީތަކަށް ޤައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ.

