ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަޑު އިވުމުން މަހުރޫމުވެފައިވާ މީހުންނަށް ހާއްސަކޮށް އިޝާރާތުގެ ބަހުރުވައިން ނުވަތަ ސައިން ލެންގްއޭޖުން ގެނެސްދޭގޮތަށް ހަމަޖައްސައިފިއެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަންނަ ހޯމަ ދުވަހުގެ ޖަލްސާއިން ފެށިގެން ސައިން ލެންގްއޭޖް އިންޓަޕްރިޓާ މަރިޔަމް ފަޒްނީގެ އެހީތެރިކަމާއެކު އިޝާރާތުގެ ބަހުރުވައިން ޖަލްސާތައް ކިޔައިދެމުންދާނެކަމަށެވެ.
މަޖިލީހުގެ ޖަލްސާތައް ލައިވްކޮށް ދައްކަމުން ގެންދާއިރު އަޑުއިވުމުން މަހުރޫމްވެފައިވާ މީހުންވެސް ޖަލްސާ ބައްލަވަމުން ގެންދަވާނެތީ މިއީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކިގެން މަޖިލީހުގެ ޖަލްސާތައް ސައިން ލޭންގުއޭޖުން ގެނނެސްދޭން ވަނީ ނިންމާފައެވެ. މިގޮތަށް ނިންމީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ލައިވް ފީޑް އިޝާރާތުގެ ބަހުރުވައިން ކިޔައިދޭން އެދި ބައެއް ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުގައި ދެންނެވުމާއި ގުޅިގެންނެވެ.
އެގޮތުން ޒުވާނުން މަޖިލީހުގެ މަސައްކަތަށް އަހުލުވެރި ކުރުމުގެ ގޮތުން ބޭއްވި "ޕްރެކްޓިސް ޕާލިއަމެންޓް ފޮ ޔޫތު" ގައި ބައިވެރިވި އަޑުއިވުމުން މަހްރޫމްވެފައިވާ ޒުވާނަކު ވަނީ މަޖިލީހުގައި ދައްކާ ވާހަކަތައް އެނގޭނެ ގޮތަށް ޖަލްސާ ގެނެސްދޭން ރައީސް ނަޝީދުގެ އަރިހުން އެދިފައެވެ.

