ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރުގެ ކައިވެނިކޮށްފިއެވެ. އަދި މިދެތަރިންގެ ކައިވެނި ބޭއްވުނީ ގޭގެ ބެލްކަނީގައެވެ.
ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ފަސް އަހަރަށްފަހު މިދެތަރިން ކައިވެނިކޮށްފައިވަނީ ދެ ފަރާތު އާއިލާ އާއި ވަރަށް ގާތް މީހުންގެ ގޮތުގައި ބަލާ 28 މީހުންގެ ހާޒިރުގައި މުމްބާއީގައި ހުންނަ ރަންބީރުގެ ގޭގައިކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
ރަންބީރުގެ ގޭގެ ބެލްކަންޏަކީ އެދެމީހުންނަށް ވެސް ވަރަށް ހާއްސަ ތަނެއް ކަމަށް ބުނަމުން އާލިޔާ ކުރި އިންސްޓާގްރާމް ޕޯސްޓެއްގައި ބުނެފައިވަނީ އެ ތަނަކީ ދެމީހުން އެކުގައި ފިލްމު ބަލާ، ލޯބިކޮށް، ހީނ، ސަކަރާތްޖަހައި، ކޫސަނި ޒުވާބުކޮށް ދެމީހުން އެންމެ ގަޔާވާ ޗައިނީސް ކާއެއްޗެހި މިދިޔަ ފަސް އަހަރު ކެއުމުގައި އެންމެ ގިނަ ވަގުތު ހޭދަ ކުރިތަން ކަމަށެވެ.
ކައިވެނިކުރިކަން ރަސްމީކޮށް އިއުލާންކުރަމުން އާލިއާ ބުނެފައިވަނީ އެގޭގައި ހޭދަކުރެވުނު ހުރިހާ ހަދާންތަކާއެކު ކައިވެނިކޮށް އެގޭގައި އިތުރު ހަނދާންތައް އެއްކުރުމަށް ކެތް މަދުވެފައިވާ ކަމަށެވެ.
މީޑީޔާ ރިޕޯޓްތަކުގައި ބުނާގޮޮތުން ކައިވެންޏަށް ފަހު މިރޭ މިދެ ތަރިން ވަނީ ގޭ ދޮރުމަތީގައި ތިބި ނޫސްވެރިންނާއި ބައްދަލު ކުރަން ބޭރަށް ނުކުމެފައިއެވެ. އަދި އެމީހުންނާއި ވާހަކަ ދައްކައި ފޮޓޯ ނެގުމުގެ ފުރުސަތު ދީފައިވެއެވެ.

