މިފްކޯއިން މަސްގަންނަ އަދަދު މާދަމާއިން ފަށައިގެން އަނެއްކާވެސް ކޮންޓްރޯލްކުރަން ނިންމައިފިއެވެ.
މިފްކޯއިން ހިންގާ މަސްވެރިންގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ރަގަޅުވެ ފްރީޒްކުރެވޭ ވަރަށްވުރެން އިތުރަށް ދޯނިފަހަރުން މަސްކިރުމަށް މަސްގެންނާތީ މާދަމާއިން ފެށިގެން ކޮންމެ ދޯންޏަކުން ގަންނަން ނިންމަފައިވަނީ އެންމެ ގިނަވެގެން 7 ޓަނު މަސް ކަމަށާއި މިފްކޯގެ ސެންޓަރުތަކަށާއި ބޯޓަފަހަރަށް މަސް ކިރާނީ ދޯނިތަކުގެ ކިއު ތަރުތީބުން ކަމަށެވެ. އަދި ކިއު ނަންބަރު ދޫކުރާނީ އެދުވަހެއްގެ ކިރުވޭ ކެޕޭސިޓީއަށް ބަލައިގެން އެދުވަހަކު މަސްކިރުވޭނެ ކަމަށް އެމެސެޖުގައި ބުނެފައިވެއެވެ.
މީގެކުރިންވެސް މިފްކޯއިން މަސްކިރާ އަދަދު ކޮންޓްރޯލް ކުރުމާއި ގުޅިގެން މަސްވެރިން ވަނީ ކޫއްޑޫގައި މުޒާހަރާކޮށްފައެވެ. މަސްވެރިން ކެނޑިނޭޅި މުޒާހަރާ ކުރަން ފެށުމުން ސަރުކާރުން ވަނީ މަސްވެރިން ބާނާ ހުރިހާ މަހެއް ކިރާ ގޮތަށް ހަމަޖައްސާފައެވެ. އޭރު މިފްކޯއިން ހަމަޖައްސާފައިވަނީ ކޮންމެ ދޯންޏަކުން ކިރޭނެ އެންމެ ގިނަ އަދަދަކީ ފަސްޓަނު މަސް ކަމަށެވެ.

