ގދ.ތިނަދޫގައި ހުންނަ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ (ޑީޑީސީއާރުސީ) ގެ އަހަރީ ދުވަސް ފާހަނގަކޮށްފިއެވެ.
ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ތިނަދޫ ޑީޑީއާރުސީގެ އެސިސްޓެންޓް ޑިރެކްޓަރ މުހައްމަދު ހަސަން (ސެމީ) ވިދާޅުވީ މިއަދަކީ އެސެންޓަރު ހުޅުވައިގެން ޚިދުމަތް ދޭން ފެށުނުތާ 3 އަހަރު ފުރުނު ދުވަސް ކަމަށާއި މިތިން އަހަރުތެރޭގައި ސެންޓަރަށް ގިނަ ކާމިޔާބީތައް ލިބިފައިވާ ކަމަށެވެ.
އެގޮތުން ގއ އަދި ގދ ގައި ތިބި މަސްތުވާ ތަކެތި ބޭނުންކުރި ގިނަ ކުދިންނަށް ފަރުވާދީ މަސްތުން ރަނގަޅުކޮށް ބޭނުންތެރި ބައެއްގެ ގޮތުގައި އެކުދިން މުޖުތަމައުއަށް ނެރެފައިވާކަން ސެމީ ވަނީ ފާހަނގަކޮށްފައެވެ. މީގެ އިތުރުން ގދ.ރަތަފަންދޫ އަކީ އެރަށުގެ 90 އިންސައްތަ ޒުވާނުން މަސްތުވާ ތަކެތި ބޭނުން ކުރަމުން އައި ރަށެއް ކަމަށާއި ތިނަދޫ ޑީޑީސީއާރުސީއިން ފަރުވާ ހޯދުމަށްފަހު އެރަށް އެއްކޮށް މަސްތުވާތަކެތިން ސާފްކޮށް އޮތުމަކީ ސެންޓަރަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމުގައި ސެމީ ދެކެއެވެ.
އަހަރީ ދުވަސް ފާހަނގަކުރުމުގެ ގޮތުން ރީހެބިލިޓޭޝަން ސެންޓަރުގައި މިރޭ ބޭއްވުނު ރަސްމިައްޔާތުގައި މުވައްޒަފުންގެ ގިނަ އިވެންޓްތައް ކުރިޔަށް ގެންދެވުނެވެ. އޭގެތެރޭގައި އެކިއެކި ގޭމް ކުޅުމާއި އަހަރީ ދުވަހުގެ ކޭކު ފެޅުމާއި ސެންޓަރުގެ ހުރިހާ މުވައްޒަފުންނަށް ތަރާވީހެއް ވަނީ ދީފައެވެ. މީގެ އިތުރުން އަހަރީ ދުވަހުގެ ލޯގޯ ތައާރަފްކޮށް ހަފްތާއެއްގެ މުއްދަތަށް ޑިއުޓީގައޑީގައި މިލޯގޯ ބޭނުންކުރުމަށާއި އަހަރީ ދުވަހުގެ ހަރާކާތްތަކުގައި މިލޯގޯ ބޭނުން ކުރުމަށް ނިންމާފައިވާކަން ސެމީ ވަނީ ވިދާޅުވެފައެވެ.

ތިނަދޫ ޑީޑީސީއާރުސީގެ އަހަރީ ދުވަހުގެ ލޯގޯ – ފޮޓޯ: ޑީޑީސީއާރުސީ
ޑީޑީސީއާރުސީއަކީ 2019 ވަނަ އަހަރު ތިނަދޫގައި ޤާއިމުކުރެވި ޚިދުމަތް ދޭން ފެށުނު ރީހެބިލިޓޭޝަން ސެންޓަރެވެ. ހުވަދު އަތޮޅުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ޑިޓޮކްސިފިކޭޝަން ފަރުވާ ހޯދުމަށް ތިނަދޫ ޑީޑީސީއާރުސީއަށް އަންނަކަން ސެމީ ވަނީ ފާހަނގަކޮށްފައެވެ. މިވީ ތިން އަހަރު ދުވަހުގެ ތެރޭގައި ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުވާލަމުން ސެމީ ހާމަކުރި ގޮތުގައި އެސެންޓަރަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުން ލިބުމުގެ ދަތިކަމެވެ. އެގޮތުން ސެންޓަރުގައި މިވަގުތު ކައުންސިލަރެއް ނެތް ކަމަށާއި ކައުންސިލިންގ ދޭނެ ވަކި ރޫމެއް ނެތްކަން ފާހަނގަކުރިއެވެ. އަދި ޑޮކްޓަރެއް ނުލިބި ގިނަ ދުވަސްވެގެންދާތީ ފަރުވާއަށް އަންނަން ބޭނުންވެފައި ނާދެވި ތިބި ކުދިންގެ އަދަދުވެސް މަދުނޫންކަން ވަނީ ފާހަނގަކޮށްފައެވެ.
ފެށުނީއްސުރެ ތިނަދޫ ޑީޑީސީއާރުސީގެ ޖާގައިގެ ދަތިކަން އިންތިހާއަށް ހުރިކަން ފާހަނގަކުރަމުން ސެމީ ވިދާޅުވީ ސެންޓަރުގައި އައިސޮލޭޝަން ރޫމެއްވެސް ނެތުމުން ފަރުވާއަށް އަންނަ ކުދިންނަށް ޚިދުމަތް ދިނުމުގައި ވަކިން ހާއްސަކޮށް ކައުންސިލިންގ ދޭނެ ވަކި ރޫމެއް ނެތުމުން ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.
މިމައްސަލަތައް ކަމާއިބެހޭ އިދާރާތަކަށް ހުށަހަޅާފައިވާނެކަމަށާއި މައްސަލަތައް ހައްލުކުރުމަށްފަހު މިއަށްވުރެ ރަނގަޅަށް ސެންޓަރުން ޚިދުމަތް ދެވޭނެ ދުވަަހަކަށް އުއްމީދުކުރާ ކަމަށް ސެމީ ވަނީ ވިދާޅުވެފައެވެ.
މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތް ފުޅާކުރުމަށް ސަރުކާރުންދަނީ މަސައްކަތްތައް ކުރަމުންނެވެ. އޭގެތެރޭގައި މިކަމާ ގުޅޭ ބޭސްފަރުވާގެ ނިޒާމު ރަނގަޅުކުރުމާއި އިތުރު ސެންޓަރުތައް ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން ސަރުކާރުން ދަނީ ރާއްޖޭގެ ފަސް ސަރަހައްދެެެއްގައި ރީހެބިލިޓޭޝަން ސެންޓަރުތައް ހިންގަމުންނެވެ. އެގޮތުން މާލެ އަތޮޅުގެ އިތުރުން ހދ.ހަނިމާދޫ، ގދ.ތިނަދޫ، ސ.ހިތަދޫ އަދި ޏ.ފުވައްމުލަކުގައި ވަނީ ރީހެބިލިޓޭޝަން ސެންޓަރުތައް ޤާއިމުކުރެވިފައެވެ. އެހެންނަމަވެސް އެންޑީއޭގެ ފަރުވާ ހޯދުމަށް ދާންޖެހެނީ ކ.ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަށެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވެގެންދާއިރު އެކަންކަން ހުއްޓުވުމަށް ދިވެހި ފުލުހުން ގެ އިންޓެލިޖެންސްގެ އެހީގައި ވަރަށް ރޭވުންތެރިކަމާއެކު މިކަމަށް އިސްކަންދީ ގިނަގުނަ މަސައްކަތްތަކެެއް ދިވެހި ފުލުހުންދަނީ ކުރަމުންނެވެ. މިގޮތުން މަސްތުވާތަކެތީގެ ވިޔަފާރި ހިންގުމުގައި އިސްކޮށްތިބި ފަރާތްތައް ހިފައި ހައްޔަރުކޮށް ޤާނޫނުން ދޭންޖެހޭ އެންމެ ބޮޑު އަދަބު ދިނުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގައި ފުލުހުން ފަސްނުޖެހޭނެކަން މިއަދު ފުލުހުން މިދަނީ ސާބިތުކަމާއެކު ދައްކަމުންނެވެ.

