ނ. ވެލިދޫގައި ފުލުހުން ސައިކަލެއް ޓޯކުރުމުގެ ތެރޭގައި 6 އަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެ ކަމަށް އާއިލާ އިން ބުނެފިއެވެ.
މި 6 އަހަރުގެ ކުއްޖާގެ ބައްޕަ ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ތިން މީހުން އަރައިގެން ސައިކަލު ދުއްވުމުން، ފުލުހުން އަމަލުކޮށްފައިވަނީ ވަރަށް ހަރުކަށިކޮށެވެ. އަދި އެރަށުގައި 3 މީހުން އަރައިގެން ސައިކަލް ދުއްވުން އެއީ އާއްމުކަމެއް ކަންވެސް މިޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ފުލުހުން އެކަމާއި ފިޔަވަޅު ނާޅާ ވާހަކަވެސް، ފޭސްބުކް ޕޯސްޓުގައި ބުނެފައި ވެއެވެ.
އިއްޔެ ދަރިފުޅު ގޮވައިގެން މާލި ބަލަން ނިކުތް ވަގުތު ފުލުހުން ޖިޕްގައި ބާރު ސްޕީޑްގައި އައިސް ސައިކަލް ކައިރިއަށް މަޑުކޮށް ސައިކަލަށް ފުލުހަކު އެރި ވަގުތު ދަރިފުޅު ރޮމުން ގެންދިޔަ ކަމަށް، އޭނާ ގެ ޕޯސްޓުގައި ލިޔެފައިވެއެވެ. އަދި ކުއްޖާ މަސަލަސް ކޮށްލާނެ ވަގުތެއް ވެސް ފުލުހުން ދީފާއި ނުވާ ކަމަށާއި، ފުލުސް މީހާ ސައިކަލަށް އަރައި ކުއްލިއަކަށް ދުއްވާލި ވަގުތު އެ ކުއްޖާގެ މޫނުގައި ސައިކަލުން ޖެހިފައިވާ ކަމަށްވެސް އޭނާ ބުނެއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ. އެހެން ނަމަވެސް އެ ކުއްޖާގެ އާއިލާއިން ވަނީ އެ ކުއްޖާގެ ގައިގައި ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ހުރި ފޮޓޯ ތަކެއް ސޯޝަލް މީޑިޔާގައި އާންމުކޮށްފައެވެ.
ކުއްޖާގެ ބައްޕަ ބުނެފައިވާގޮތުން، އެ ކުއްޖާ އަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ތަކެއް ލިބިފައިވާ ކަމަށް ގަބޫލު ކުރެވޭތީ، މައްސަލަ ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށްވެސް ވަނީ ގެނެސްފައެވެ.

