ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންނަށް ވަޒީފާގެ ކުރިއެރުމާއި ޕްރޮމޯޝަންތައް ނުލިބޭތީ އެފަދަ މައްސަލަތަކުގައި ޤާނޫނީ ގޮތުން އެހީތެރިކަން ހިލޭ ފޯރުކޮށްދޭން ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރާއި ޓީޗާސް އެސޯސިއޭޝަނުން ނިންމައިފިއެވެ.
ޓީޗާސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިވިލް ސަރވިސްގައި މަސައްކަތްކުރައްވާ ޓީޗަރުންނަށް ޙައްޤުވާ އެކި އެކި ޕްރޮމޯޝަންތަކާއި ޙައްޤުވާ މަޤާމުގެ ކުރިއެރުން ނުލިބޭތީ އެފަދަ މައްސަލަތަކުގައި ޓީޗަރުންގެ ހައްޤު ހޯދުމަށްޓަކައި އެހީތެރިވެދިނުމަށް އެދި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރ އަދި ޓީޗަރސް އެސޯސިއޭޝަން މޯލްޑިވްސް އަށް ގިނަ ފަރާތްތަކަކުން އަންނަނީ ހުށަހަޅަމުން ކަމަށެވެ.
އެހެންކަމުން މާލީ ހާލަތް ތަންނުދޭ ޓީޗަރުންނަށް އެމީހުންގެ ހައްޤު ހޯދައިދިނުމަށް ހިލޭ ސާބަހަށް އެހީތެރިކަން ފޯރުކޮށްދޭން ޓީޗާސް އެސޯސިއޭޝަނުން ވަނީ ނިނަމާފައިކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން، ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މައްސަލައާ ގުޅުންހުރި މައުލޫމާތު އަދި ލިޔެކިޔުންތައް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރގެ ހިދުމަތަށް އެދޭ ފޯމް 28 އޭޕްރިލް 2022 ވާ ބުރާސްފަތި ދުވަހުގެ 12.00 ގެ ކުރިން ޓީޗާސް އެސޯސިއޭޝަންގެ އޮފީހަށް ނުވަތަ އީމެއިލް އެޑްރެސް info@pilcmv.org މެދުވެރިކޮށް ހުށަހެޅުމަށް އެއެސޯސިއޭޝަނުން ވަނީ އެދިފައެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުގެ ނަންބަރު 9721213 އަށް ގުޅުއްވުމަށް ބަޔާނުގައި ބުނެފައިވެއެވެ.
ޓީޗަރސް އެސޯސިއޭޝަން މޯލްޑިވްސްއިން ހާމަކުރި ގޮތުގައި ސިވިލް ސަރވިސްގައި މަސައްކަތްކުރައްވާ ޓީޗަރުންގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް މަގާމުގެ ކުރިއެރުން ނުލިބޭ މައްސަލައިގައި ވަރަށް ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.

