ދީނީ ޚިޔާލުތަފާތުވުމަކާއި ގުޅިގެން އާގަރާގެ މުސްލިމު ފިރިހެނަކަށް ނިސްބަތްވާ ދެގެއެއް އާންމުންގެ ބަޔަކު އަންދާލައިފިއެވެ.
އުއްތަރަ ޕްރަދޭޝްގެ އާގްރާއަށް ނިސްބަތްވާ، މި މުސްލިމް ފިރިހެން މީހާއަށް ނިސްބަތްވާ ކަމަށް ބުނާ ދެ ގެއެއްގައި ރޯކޮށްލުމުގެ ތުހުމަތުގައި 8 ފިރިހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރު ކުރި އެންމެންނަކީ ވެސް "ދަރަމް ޖަގަރަން ސަމަންވަޔާ ސަންގް" ގެ މެމްބަރުން ކަމަށް ބުނެ އެވެ.
ފުލުހުން ބުނީ އާގްރާގެ ރޫނަކްތާ އަވަށުގައި ހުރި ދެ ގެއެއްގައި ހުކުރު ދުވަހު އާންމުންގެ ބަޔަކު ރޯކޮށްލީ، އެ ދެ ގެ މިލްކުކުރާ މުސްލިމް ފިރިހެނަކު އެހެން ދީނެއްގެ އަންހެން ކުއްޖަކާއެކު ފިލުމުން ކަމަށެވެ.
މިމުސްލިމު ފިރިހެން މީހާއަކީ، ސާޖިދު ނަމަކަށް ކިޔާ، އަމިއްލަ ޖިމެއް ހިންގާ 22 އަހަރުގެ ފިރިހެނެކެވެ. ރިޕޯޓްތައް ބުނާގޮތުން، މިފިރިހެން މިހާ ފިލާފައިވަނީ ކްލާސް 11 ގެ ކިޔަވަމުން އަންނަ އަންހެނަކާއެކުއެވެ. ހޯމަދުވަހު މިއަންހެންމީހާ ގެއްލިފައިވާއިރު، ފުލުހުން ވަނީ އަންހެން ކުއްޖާ ހޯދާފައެވެ. ނަމަވެސް ސާޖިދުގެ ހަބަރެއް އަދި ވަނީ ނުވެފައި އެވެ.
އަންހެން ކުއްޖާގެ އާއިލާއިން ހުށަހެޅި ޝަކުވާއެއްގެ މައްޗަށް ބިނާކޮށް، އިންޑިއާގެ ޕީނަލް ކޯޑުގެ 366 ވަނަ މާއްދާގެ ދަށުން ވެސް މައްސަލަ ރަޖިސްޓްރީ ކުރި އެވެ. އަންހެން ކުއްޖާގެ އާއިލާއިން ވަނީ އަންހެން ކުއްޖާ ވަގަށް ނެގި ކަމަށް ބުނެ ފިރިހެން މީހާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޑިމާންޑްކޮށް ވާހަކަ ދައްކާފަ އެވެ.
ނަމަވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި އަންހެން ކުއްޖާ ބުނެފައިވަނީ އޭނާއަކީ ބޮޑު މީހެއް ކަމަށާއި، އެ ފިރިހެން މީހާއާއެކު އޭނާ ގޮސްފައިވަނީ އޭނާގެ ރުހުމުގައި ކަމަށެވެ. އަދި އަންހެންކުއްޖާގެ އާއިލާއިން އެ މީހުންނަށް ބިރު ދައްކާ ކަމަށް ވެސް އެއަންހެންކުއްޖާ ތުހުމަތު ކޮށްފައި ވެއެވެ. އަންހެން ކުއްޖާ ބުނީ އެދެމީހުންނަކީ، ދެމަފިރިންކަމަށާއި، މީގެ ކުރިން އެދެމީހުން ކައިވެނިކޮށްފައިވާ ކަމަށެވެ.
"ދެ މީހުންނަކީ ވެސް ބޮޑެތި މީހުން،" އާގްރާގެ ސީނިއާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުދީރު ކުމާރު ސިންހް ވިދާޅުވި އެވެ.
މިހާދިސާއާއި ގުޅިގެން ފުލުހުންގެ ބަސް
މައްސަލަ އުފެދުނީ، އެހެން ދީނެއްގެ އަންހެން ކުއްޖަކާއެކު އޭނާ ފިލުމުން ކަމަށާއި، އެމީހުން ތިބީ އިންޓަރފެއިތް ރިލޭޝަންޝިޕެއްގައި ކަމުގައި ފުލުހުން ބުނެއެވެ. އަދި މިކަމާއި ގުޅިގެން ބަޔަކުވަނީ މުސްލިމު ފިރިހެން މީހާގެ ގެއަށް ގެއްލުންދީ، އެމީހާގެ ދެގެއެއްގައި އަލިފާން ރޯކޮށް އަންދާލާފައެވެ. ހާދިސާ ހިގުމާއިއެކު، ފުލުހުންގެ އޮފިޝަލުންގެ ޓީމެއް ވަގުތުން ހާދިސާ ހިނގި ސަރަހައްދަށް ގޮސް މައްސަލަ ކޮންޓްރޯލް ކުރިކަމުގައި ފުލުހުން ބުނެއެވެ. މި މައްސަލައިގައި ފުލުހުން ވަނީ 8 މީހަކު ހައްޔަރުކޮށްފައެވެ. އިތުރު ތަހުގީގަށް، އިތުރު ތުހުމަތެއް ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ކުރުމަށް ހަ ޓީމެއް އެކުލަވާލާފައިވާކަމުގައި ފުލުހުން ބުނެއެވެ.
އުއްތަރު ޕްރަދޭޝްގެ ލަވް ޖިހާދު ލޯ
2020 ވަނަ އަހަރު އުއްތަރަ ޕްރަދޭޝް ވެގެން ގޮސްފައިވަނީ އިންޑިއާގައި "ލަވް ޖިހާދު" ގާނޫނެއް ފާސްކުރި ފުރަތަމަ ސްޓޭޓެވެ.

"ލަވް ޖިހާދު" ގާނޫނުގެ ނަމުން މަޝްހޫރުވެފައިވާ އުއްތަރަ ޕްރަދޭޝްގެ ގާނޫނު ބުނާ ގޮތުން، ޣައިރު ގާނޫނީ ގޮތެއްގައި ދީން ބަދަލުކުރުން މަނާކުރާ ގާނޫނުގެ ދަށުން، އެކި ކެޓަގަރީތަކުގެ ދަށުން 10 އަހަރަށް ވުރެ ގިނަ ދުވަހަށް ޖަލަށްލުމާއި، 50،000 ރުޕީސްއާ ހަމައަށް ޖޫރިމަނާ ކުރުން ހިމެނެއެވެ.
ގާނޫނުގައިވާ ގޮތުން އަންހެނެއްގެ ދީން ބަދަލުވުމަކީ ހަމައެކަނި ކައިވެނިކުރުމުގެ ބޭނުމުގައި ކުރާ ކަމެއް ނަމަ އަދި ކައިވެނި ކުރުމަށް ފަހު ދީން ބަދަލުކުރަން ބޭނުންވާ މީހުން ޑިސްޓްރިކްޓް މެޖިސްޓްރޭޓަށް އެޕްލައި ކުރަން ޖެހިއްޖެ ނަމަ ކައިވެނި "ބާތިލު" ކަމަށް ކަނޑައެޅޭނެ ކަމުގައެވެ.

