ކުޑަކުދިންނަށް ކީރިތި ޤުރުއާނުގައިވާ ރިވެތި ވާހަކަތައް ކިޔައިދިނުމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އަލްއުސްތާޛް މުޙައްމަދު އަނީލް އެދިވަޑައިގެންފިއެވެ.
އަލްއުސްތާޛް އަނީލް މިކަމަށްއެދިވަޑައިގެންނެވީ ރޭގެ އިޙްޔާ ފޯރަމްގައި “އެންމެ ރިވެތި ވާހަކަ” މި މައުޟޫއަށް ވާހަކަފުޅުދައްވަމުންނެވެ.
ކުޑަކުދިން ނިންދަވާއިރު ބިރުގަންނަ ޒާތުގެ ވާހަކަތައް ކިޔައިދިނުމަކީ އެކުދިންގެ ތަރުބިއްޔަތަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމެއްކަމަށާއި އޭގެ ބަދަލުގައި އެ ކުދިންނަށް ޤުރުއާނުގައިވާ ރިވެތި ވާހަކަތަކާއި ޞަޙާބީންގެ ވާހަކަތައް ކިޔައިދިނުމަށް އަނީލް ވިދާޅުވިއެވެ. މިފަދަ ވާހަކަތައް ކިޔައިދިނުމަކީ ދަރިންގެ ތަރުބިއްޔަތުގެ ވަރަށް ބޮޑު ބައެއްކަމަށްވެސް އަލްއުސްތާޛް އަނީލް ވިދާޅުވިއެވެ.
“އެންމެ ރިވެތި ވާހަކަ” މި މައުޟޫޢަށް މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވާފައިވަނީ އަލްއުސްތާޛް މުޙައްމަދު އަނީލްގެ އިތުރުން އައްޝައިޚް މުޙައްމަދު ނިމާލްއެވެ.
އެގޮތުން ފޯރަމް ފައްޓަވަމުން ޝައިޚް ނިމާލް ވިދާޅުވީ އެންމެ ރިވެތި ވާހަކަތައް ބަޔާންވެގެންވަނީ ކީރިތި ޤުރުއާނުގައިކަމަށާއި ޤުރުއާނުގައި ޙަކީމުންނާއި، ރަސްރަސްކަލުންގެ ވާހަކައާއި އަންހެން ބޭފުޅުންގެ ތެރެއިން މަރްޔަމްގެފާނާއި އާސިޔަތުގެފާނުގެ ވާހަކައާއި އަނިޔާވެރިވި މީހުންނާއި، ނަބީބޭކަލުންގެ ވާހަކަތައް ހިމެނޭކަމަށެވެ.
އޭގެ ތެރެއިން 6 ނަބީބޭކަލެއްގެ ނަންފުޅުން ނަން ދެވިފައިވާ ސޫރަތްތައްވާއިރު މީގެ ތެރެއިންވެސް އެންމެ ރިވެތި ވާހަކަ ހިމެނެނީ ޔޫސުފް ސޫރަތުގައިކަން ފާހަގަކުރެއްވިއެވެ. އަދި ސަމާވީ އެއްވެސް ފޮތެއްގައިވެސް އައިސްފައިނުވާފަދަ ފުރިހަމައަށް ތަފްސީލުކޮށް ޔޫސުފްގެފާނުގެވާހަކަ ޔޫސުފް ސޫރަތުގައިވާކަމަށް ވިދާޅުވިއެވެ.

