ތިނަދޫ ކައުންސިލުން ފިތުރު ޒަކާތް ބެހުމުގެ މަސައްކަތުގައި ތިނަދޫ ކައުންސިލާއި ތިބްޔާން ތަރުބިއްޔާ ސެންޓަރާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
ފިތުރު ޒަކާތް ބެހުމުގެ މަސައްކަތުގައި އާއި، އެކަމާއި ގުޅުންހުރި މައިގަނޑު ބޮޑެތި މަސައްކަތްތަކެއް ހިލޭސާބަހަށް ކޮށްދިނުމަށް ތިބްޔާން ތަރުބިއްޔާ ސެންޓަރާއި ދެމެދު އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު، ތިބްޔާން ތަރުބިއްޔާ ސެންޓަރުން ވަނީ ތިނަދޫގައި ފިތުރު ޒަކާތް ބެހުމުގެ މަސައްކަތް މިދިޔަ އަހަރުވެސް ހިލޭ ސާބަހަށް ކޮށްދީފައެވެ.
ތިނަދޫ ކައުންސިލުން ވިދާޅުވީ، ފިޠުރު ޒަކާތް ބެހުމުގެ މަސައްކަތުގައި މިކައުންސިލާއިއެކު ބައިވެރިވުމުގެ ޝައުޤުވެރިކަން ފައުޅުކޮށް، އެކަމާއި ގުޅުންހުރި މައިގަނޑު ބޮޑެތި މަސައްކަތްތަކެއް ހިލޭސާބަހަށް ކުރުމަށް ބޭނުންވެގެން ތިބްޔާން ތަރުބިއްޔާ ސެންޓަރުން ހުށައެޅުމުން ތިނަދޫ ކައުންސިލުންވަނީ އެކަމަށް މަރުޙަބާ ކިޔާފައިވާނެ ކަމަށާއި، ރޭ ސޮއެ ކުރެވުނު އެއްބަސްވުމުގައި އެ މަސައްކަތް އެފަރާތުގެ ބެލުމުގެދަށުން ކުރިއަށް ގެންދިއުމަށް އެއްބަސްވެވިފައިވާ ކަމަށެވެ.

ތިނަދޫ ކައުންސިލާއި ތިބްޔާން ތަރުބިއްޔާ ސެންޓަރާއި ދެމެދު އެމްއޯޔޫ ގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން — ފޮޓޯ: ތިނަދޫ ކައުންސިލް
މީީގެއިތުރުން ތިބްޔާން ތަރުބިއްޔާ ސެންޓަރުން ވޭތުވެދިޔަ އަހަރު ކުރައްވާފައިވާ މިމަސައްކަތުގެ ފުރިހަމަ ކަމުން އެކަމާއި ގުޅިގެން އެއްވެސް ރައްޔިތެއްގެ އެއްވެސް ޝަކުވާއެއް މިހާތަނަށް މިއިދާރާއަށް ލިބިފައި ނުވާކަންވެސް ތިނަދޫ ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ. އަދި ތިބްޔާން ތަރުބިއްޔާ ސެންޓަރުން މިކަމުގައި ބައިވެރިވެ، ކޮށްދެއްވާފައިވާ ބުރަ މަސައްކަތާއި، ދެއްވާފައިވާ ފުރިހަމަ އެއްބާރުލެއްވުމަށް ތިނަދޫ ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ފިތުރު ޒަކާތް ބަހަން ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ 19 ވަނަ ދުވަހުން ފެށިގެންނެވެ. ފިތުރު ޒަކާތް ފަގީރުންގެ ލިސްޓުގައިވާ މީހުންނަށް ދޭން ނިންމާފައިވާއިރު މި އަހަރުގެ ފަގީރުންގެ ލިސްޓުގައި 8،984 މީހުން ހިމެނެއެވެ.

