ފުވައްމުލަކު ސިޓީއަށް އުފަން އުމުރުން 31 އަހަރުގެ އާމިނަތު އިރަމް އަކީ އުފަން ވީ އިރު ވެސް ހިތުގެ މައްސަލައެއް ހުރި އަންހެނެކެވެ. އިރަމް ތަހައްމަލު ކުރަމުން ދާ ވޭނަށް ލުޔެއް ލިބެން އޮތީ "ލަންގް ޓްރާންސްޕާންޓް" އެއް ހަދައި، ހިތުގެ "ލައިގޭޝަން" އެއް ހަދައިގެން ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.
އެހެންނަމަވެސް ހިތާއި ފުއްޕާމޭ ބަދަލުނުުކޮށް ހިތުގެ ކުޑަ އޮޕަރޭޝަނަކަށްފަހު ބޭސް ބަދަލުކޮށްގެން އިރަމްއަށް 10 އަހަރު ވަރު ނޯމަލް ލައިފެއް އޮކްސިޖަނާ ނުލާ އުޅެވޭނެ ކަމުގެ ޔަޤީންކަން ޔޫއެސްއިން ވަނީ ދީފައެވެ.
އިރަމް ބުނިގޮތުގައި އޭނަގެ ހިތުގައި އިން ދެލޯވަޅުގެ ތެރެއިން ކުޑަ ލޯވަޅު މިހާރުވަނީ ބަންދުކުރެވިފައެވެ. އަދި ހިތުގަހުރި އާޓެރީ އަދި ވެއިންތަކެއް ވަނީ ފުޅާކޮށްފައެވެ. ޔޫއެސްއިން ލަފާދިނީ މިސާޖަރީގެ ރިސަލްޓް ލިބެންދެން ޔޫއެސްގައި 1 އަހަރު މަޑުކުރުމަށެވެ. އެހެންނަމަވެސް ފައިސާގެ ޚަރަދު ބޮޑުކަމުން ޔޫއެސްގައި މަޑުކުރެވެން ނެތުމުން ޔޫއެސް ޑޮކްޓަރުންނާއި ވާހަކަ ދައްކައިގެން އިންޑިޔާގެ ކެރަލާ ސްޓޭޓްގައި ހުންނަ މެޔޯ ކްލިނިކްގެ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން 1 އަހަރު އިންޑިޔާގައި މަޑުކުރަން ނިންމީ ކަމަށް އިރަމް ވަނީ މައުލޫމާތު ދީފައެވެ.
އިރަމް އިތުރަށް މައުލޫމާތު ދިން ގޮތުގައި އިސްލާމިކް މިނިސްޓްރީގެ ޒަކާތު ފަންޑުން ދިން ލާރި އާ އެންސްޕާއިން ދީފައިވާ ރުފިޔާ ހޮސްޕިޓަލަށާއި ޔޫއެސްގައި ތިބުމަށް ވަނީ ޚަރަދުކުރެވިފައެވެ. ގާތްގަނޑަކަށް މުޅި ޖުމްލަ 80 ހާސް ޔޫއެސް ޑޮލަރ ސާޖަރީ އަށާއި ބޭސްފަރުވާ އަދި ޔޫއެސްގައި މަޑުކުރުމަށް ޚަރަދުވިކަމަށް އިރަމް ބުންޏެވެ.
އިތުރު ފަރުވާއަށް އިންޑިޔާގައި އަދި އެއް އަހަރު މަޑުކުރަން ޖެހޭތީ އިރަމް ވަނީ އިތުރު އެހީއަށް އެދިފައެވެ. އިރަމްއަށް ފައިސާގެ އެހީ ފޯރުކޯށްދޭން ބޭނުންވާ ފަރާތްތަކުން ބީއެމްއެލް ފައިސާ އެކައުންޓު ނަންބަރު 7730000142133 (އައިމިނަތު އިރަމް އަޙްމަދު) އަށް ނުވަތަ ބީއެމްއެލް ޑޮލަރު އެކައުންޓު ނަންބަރު 7730000256391 (އައިމިނަތު އިރަމް އަޙްމަދު) އަށް ފައިސާ ޖަމާކޮށްލަދެއްވާށެވެ.
މީގެއިތުރުން އެކިއެކި ފަރާތްތަކުން މިހާތަނަށް ލިބުނު އެހީތަކަށް އިރަމް ވަނީ ޝުކުރު އަދާކޮށްފައެވެ.
2011 ވަނަ އަހަރުން ފެށިގެން މާ ބޮޑަށް ވަރުދެރަ ވާތީ އިރަމް ޑޮކްޓަރަށް ދައްކަމުން ދިޔައެވެ. އޭނާއަކީ "އެސެންމިންގާ ސިންޑްރޯމް" ގެ ޝިކާރައަކަށް ވެފައިވާ މީހެއް ކަން އެނގުނީ 2018 ވަނަ އަހަރުގެ މެދުތެރޭގައި ޓްރީޓޮޕް ހޮސްޕިޓަލަށް ދެއްކުމުންނެވެ. އަވަހަށް އޮޕަރޭޝަން ކުރަން ޑޮކްޓަރުން ލަފާ ދީފައި އޮތް ނަމަވެސް އިރަމްގެ ހިތާއި ފުއްޕާމޭގެ ހުރި މައްސަލަތަކާ ގުޅިގެން ސިކުނޑިއަށް އޮކްސިޖަން ލިބޭ މިންވަރު ދަށް ވުމުގެ ސަބަބުން ވަނީ އެ އަހަރު އޭނާއަށް ސްޓްރޯކެއް ޖެހި އޭނާގެ ހާލު ސީރިއަސްވެފައެވެ. އެހެންކަމުން އެކަމަށް ފަރުވާ ހޯދާފައި ވަނީ އިންޑިއާގެ ބެންގަލޫރުގައި ހުންނަ "ބީޖީއެސް ގްލޯބަލް ހޮސްޕިޓަލް" އިންނެވެ.
ނޭވާ ކުރުވެ ގައިން ވަރު ދެރަވާތީ ހިނގާ ބިނގާވެ އުޅެން ވެސް އޭނާއަށް އުނދަގޫ ވެއެވެ. އަބަދު އޮކްސިޖަން ގުޅައިގެން އިރަމް އުޅޭ އިރު ސިޑިން އެރުމާއި ދުރަށް ހިނގުމަކީ އޭނާއަށް ކުރެވޭ ކަންކަމެއް ނޫނެވެ. އެހެންކަމުން ގިނަ ވަގުތު ހިނގަން ޖެހޭ ފަދަ ހާލަތްތަކުގައި އިރަމް ނުކުންނަނީ ވީލް ޗެއާއެއްގައި ކަމަށާއި އަދި ސިޑިން އަރަން ޖެހޭ ހާލަތްތަކުގައި އޭނާގެ ފިރިމީހާ، އިރަމް އުރާލައިގެން ސިޑިން އަރާ ކަމަށް އިރަމް ބުނެއެވެ.
އަބަދު އޮކްސިޖަން ބޭނުން ކުރަމުން އަންނަ އިރަމް ބޭނުން ވަނީ ލޯބިވާ ފިރިމީހާއާ އެކީ އާދައިގެ ދިރިއުޅުމެއް އުޅޭށެވެ. ފިރިމީހާގެ ފަރާތުން ލިބޭ އެއްބާރުލުމާއި އޯގާތެރިކަން ފެނި އޭނާ ބޭނުން ވަނީ އެހެން މީހުންނެކޭ އެއްފަދައިން އޭނާގެ ފިރިމީހާއާ އެކު ލޯބިން ދިރިއުޅޭށެވެ.
ﷲ އިރާދަކުރެއްވީތީ ޔޫއެސްއިން ކުރި ކާމިޔާބު އޮަޕަރޭޝަނަކަށްފަަހު އިރަމްގެ މިހުވަފެން މިވަނީ މިއަދު ހަޤީގަތަކަށްވެފައެވެ.

