މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ބޯޑަށް އާންމު ހިއްސާދާރުން ހޮވާ 5 ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޓީޑީސީން ހާމަކުރިގޮތުގައި މިމަޤާމަށް ކުރިމަތިލާ މީހުންނަކީ ފުރަތަމަ ޑިގްރީ ފެންވަރުގެ ސަނަދެއް ވެސް އޮތް މީހުންނަށް ވާން ޖެހޭނެއެވެ. އަދި ލިސްޓްކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ދެ ކުންފުންޏަށް ވުރެ ގިނަ ކުންފުނިތަކުގެ ބޯޑްތަކުގައި ނުހިމެނޭ މީހުންނަށް ވެސް ވާން ޖެހެއެވެ.
މީގެއިތުރުން މިމަޤާމަށް ކުރިމަތިލާ މީހުންގެ ތެރެއިން އެންމެ ގާބިލު މީހުން ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން ހޮވައި މި އަހަރު އަހަރީ އާންމު ޖަލްސާގައި ނަންތައް އާންމުކޮށް އިއުލާން ވެސް ކުރާނެ ކަމަށް އެމްޓީޑީސީން ވަނީ ބުނެފައެވެ.
މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 28 ވަނަ ދުވަހުގެ ކުރިން ހުށަހަޅަންޖެހޭނެއެވެ. ކުރިމަތިލާ މީހުން ވާން ޖެހޭނީ 18 އަހަރުން މަތީގެ މީހަކަށް ކަމަށާއި އޭނާ އަކީ ކުންފުނީގެ 50 ހިއްސާ ވެސް އޮތް މީހަކަށް ވާން ޖެހޭނެ ކަމަށެވެ.
ފާއިތުވީ ތިން އަހަރަށް ބަލާލާއިރު އެމްޓީޑީސީ 47 މިލިއަން ޑޮލަރު (724 މިލިއަން ރުފިޔާ) އިން 110 މިލިއަން ޑޮލަރު (1.7 ބިލިއަން ރުފިޔާ)ގެ ކުންފުންޏަކަށް ވެފައިވާ ކަމަށް މާލީ ރިޕޯޓްތަކުން ދައްކައެވެ.
މިދިޔަ އަހަރަކީ އެ ކުންފުންޏަށް ރެކޯޑު އަދަދަކަށް ފައިދާވި އަހަރެއް ކަމަށް އެމްޓީޑީސީން ވަނީ ހާމަކޮށްފައެވެ. ފައިދާ ބޮޑުތަނުން އިތުރުވީ އެ ކުންފުނީގެ ރަށްތަކެއްގެ ލީސް މުއްދަތު އިތުރުކޮށް ބައެއް ރަށްތައް ސްބްލީސް ކުރުމުންނެވެ.
ކުއާޓަލީ ރިޕޯޓުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ވެސް އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ވަނީ 17.5 މިލިއަން ޑޮލަރު (269.8 މިލިއަން ރުފިޔާ) ލިބިފަ އެވެ. އެއީ 2020 ވަނަ އަހަރާ އަޅާ ބަލާއިރު 17.4 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. އެ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 120،017 ޑޮލަރު (1.85 މިލިއަން ރުފިޔާ) އެވެ.

