ހދ.ކުޅުދުއްފުށީ ޝަބްނަމީގޭ އަބްދުލް ހަމީދު އާއި އައިޝަތު ސުޒާނާގެ އެންމެ ހަނގު ދަރިފުޅު ޙަސަން އަޒްޔާން ޢަބްދުލްޚަމީދުއަކީ ވިހެއި އިރުއްސުރެ ތަފާތު ކުއްޖެކެވެ. އެގޮތުން ހިނގާފައި ދަނިކޮށް ކުއްލިއަކަށް ވެއްޓުމާއި، އެކިފަރާތް ފަރާތަށް ދިއުން ފަދަ ކަންކަމުން އޭނާ ތަފާތުކަން އެނގި އެކަމަށް ދިއައީ ފަރުވާ ދޭން މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެހެން ދިމާވާ ސަބަބު ޑޮކްޓަރުންނަށް ވެސް އޭރު އެނގިފައެއް ނެތްކަމަށް އާއިލާއިންވަނީ ހާމަކޮށްފައެވެ.
އާއިލާއިން ހާމަކުރިގޮތުގައި 2020 ވަނަ އަހަރު ނޮވެމްބަރ މަހުގެތެރޭގައި އަޒްޔާން ވަރަށް ބޮޑަށް ބަލިވިއެވެ. އެއްގޮތަކަށްވެސް ހިނގައި ބިނގައި ނޫޅެވޭ ވަރުވިއެވެ. ޑޭންގޫއަށް ޕޮޒިޓިވް ވުމުން ހީކުރެވުނީ ޑެންގޫގެ ސަބަބުން ވީކަމެއްކަމަށެވެ. ނަމަވެސް ޑެންގޫ ރަނގަޅު ވުމުންވެސް އަޒްޔާންއަށް ކުރިއެރުމެއް ނުލިބުނެވެ. ނޮވެމްބަރު ނިމުމަކާ ކައިރިވެފައިވަނިކޮށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހެދި ޓެސްޓްތަކުން އެނގުނީ އަޒްޔާންގެ ބޮލުގައި ޓިއުމަރެއް އުފެދިފައި އިންކަމެވެ.
އޭޑީކޭ ހޮސްޕިޓަލަށް ދެއްކުމުން ލަފާ ދެއްވާފައިވަނީ މި ސާރޖަރީ އަކީ ރާއްޖޭގައި ކުރެވެންނެއް ސާރޖަރީ އެއްކަމުން ރާއްޖެއިން ބޭރަށް ދިއުމަށެވެ. އަދި މި ޓިއުމަރ އަކީ އޮޕަރޭޝަންކޮށްގެން އެއްފަހަރުން ނެގެން ނެތް ޓިއުމަރއެކެވެ. މި ސާރޖަރީ ކުރުމަށް ރާއްޖެ އިން ބޭރަށް ދިޔުމަށް އާސަންދަ ހަމަޖެހިފައި ވީނަމަވެސް މިފަދަ ބޮޑު ސާރޖަރީ އެއް ކުރުމަށް ރާއްޖެއިން ބޭރުގައި ހޭދަކުރަންޖެހޭ ދުވަސްތަކުގައި ވަރަށް ބޮޑު ޚަރަދުތަކެއް ހިނގާނެތީއާއި، އާއިލާގައި އެފަދަ ތަނަވަސް ކަމެއް ނެތުމާއެކު ލޮބުވެތި އަޚުންނާއި، އުޚްތުންގެ ކިބައިން ދީލަތިއެހީ އަކަށް އެދޭކަމަށް އަޒްޔާންގެ މަންމަ ސުޒާނާ ވަނީ މީޑީޔާގައި ޕޯސްޓުކޮށްފައެވެ.
މިހާތަނަށް އަޒްޔާންގެ 3 ސާޖަރީ ހަދާފައިވާއިރު ޓިއުމަރުގެ %25 އަދިވެސް އެބަހުރިކަމަށް އާއިލާއިން ވަނީ ހާމަކޮށްފައެވެ. އަދި ރޯދަމަސް ނިންމާފައި އިތުރު ފަރުވާއަށް ދިޔުމަށް ނިންމައިގެން ތިއްބާ އަޒްޔާންގެ ހާލު އިތުރަށް ގޯސްވެގެން އިއްޔެގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފައެވެ. އާއިލާއިން ހާމަކުރިގޮތުގައި ހާލު ދެރަވެގެން ރޭ އަޒްޔާންގެ އޮތީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައެވެ.

އަބްދުލް ހަމީދު އާއި އައިޝަތު ސުޒާނާގެ އެންމެ ހަނގު ދަރިފުޅު ޙަސަން އަޒްޔާން ޢަބްދުލްޚަމީދު – ފޮޓޯ: އާމިނަތު ނަމްޒާ
އެކުޑަ އާއިލާއިން އެދެނީ ތިއަ އެންމެ ބޭފުޅުންގެ އެހީތެރިކަމާއި، ހެޔޮ ދުޢާއެވެ. އަޒްޔާންއަށް ފައިސާގެ އެހީ ފޯރުކޯށްދޭން ބޭނުންވާ ފަރާތްތަކުން ބީއެމްއެލް ފައިސާ އެކައުންޓު ނަންބަރު 7706462415101 (އާއިޝަތު ސުޒާނާ) އަށް ނުވަތަ ބީއެމްއެލް ޑޮލަރު އެކައުންޓު ނަންބަރު 7730000000463 (އާއިޝަތު ސުޒާނާ) އަށް ފައިސާ ޖަމާކޮށްލަދެއްވާށެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް 7853916، 9953666 ގުޅާލުމަށް އާއިލާއިން ވަނީ އެދިފައެވެ.
މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމަކީ އިސްލާމދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. މިކަން ކީރިތި ރަސޫލާގެ ހަދީސް ބަސްފުޅުތަކުން ހާމަވެގެންދެއެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ މި ޙަދީޘްބަސްފުޅުން އަޅުގަނޑުމެންނަށް އެނގިގެން ދެއެވެ.
"وَمَنْ نَفَّسَ عَنْ أَخِيهِ كُرْبَةً مِنْ كُرَبِ الدُّنْيَا ، نَفَّسَ اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَإِنَّ اللَّهَ فِي عَوْنِ الْعَبْدِ مَادَامَ الْعَبْدُ فِي عَوْنِ أَخِيهِ" روا مسلم
މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."
"ހުވަދޫ" ޓީމްގެ ފަރާތުން އެދެނީ ވީހާވެސް ގިނަ ފަރާތްތަކަށް މިމެސެޖް ފޯރުކޮށްދީ އަޒްޔާންއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމެވެ. ދުޢާއަކީ އޭނާގެ މި ބައްޔަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމެވެ. އާމީން!

