ކޫއްޑޫ އެއަރޕޯޓްގައި މަސައްކަތް ކުރާ މުވައްޒަފުން ވަޒީފާގެ މާހައުލުގައި އުޅޭއިރު ކައިބޮއި ހަދާނެ އެއްވެސް ގޮތެއް ނެތި މަސައްކަތް ކުރަމުންދާތާ އެތައް ދުވަހެއް މިވަނީ ވެފައެވެ. އެންމެ ކުޑަމިނުން ރޯދަ ވީއްލާނެ ގޮތެއްވެސް ނެތި މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށް ދާންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔައުގޫބް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލަށް ބަހުސްކުރައްވަމުން ޔައުގޫބް ވިދާޅުވީ ކޫއްޑޫ އެއަރޕޯޓުން ރައްޔިތުންނަށް ޚިދުމަތް ދިންނަމަވެސް ކޫއްޑޫ އެއާޕޯޓްގެ ހާލަތު ގޯސް ކަމަށާއި އެތަނުގެ ވާހަކަ ދެއްކުމަށް ވުރެ ނުދެއްކުން ވެސް މާ ރަނގަޅު ކަމަށެވެ.
ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ކޫއްޑޫގައި ވަޒީފާ އަދާކުރާ މުވައްޒަފަކު ބުނެފައިވަނީ ޑިއުޓީގައި އުޅޭ ގަޑިތަކުގައި ކައިބޮއި ހެދުމަށް އެންމެ ކުޑަމިނުން ކެންޓީނެއްވެސް ނުހުންނަ ކަމަށާއި ކޫއްޑޫ އެއަރޕޯޓްގެ މުވައްޒަފުން ވަރަށް ހާލުގައި އުޅޭތާ އަހަރަކާ ގާތްކުރަނީ ކަމަށެވެ. މީގެއިތުރުން ހަވީރު ޑިއުޓީގައި އުޅޭ މުވައްޒަފުން ރޯދަ ވީއްލާނެ ގޮތެއްވެސް ނެތް ކަމަށް ވަނީ މައުލޫމާތު ދީފައެވެ.
ގއ އަދި ގދ ގެ ރަށްތަކުން މުވައްޒަފުން ކޫއްޑޫގައި ވަޒީފާ އަދާކުރުމުން ގެންދާއިރު އެމުވައްޒަފުން ޑިއުޓީއަށް އަންނައިރު ކާއެތިކޮޅު ގެންނަން ހަދާން ނެތިއްޔާ އެދުވަހަކު ތިބެން ޖެހެނީ ޑިއުޓީ ގަޑި ނިމެންދެން ނުކައި ނުބޮއިއެވެ.
ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް ވިދާޅުވެފައިވަނީ ކޫއްޑޫ އެއާޕޯޓް ހިންގަން ރިސޯޓެއް ދީ އާމްދަނީ ލިބޭނެ ގޮތްތައް ހުރި އިރު ވެސް މުވައްޒަފުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްނުދޭ ކަމަށެވެ. އެގޮތުން ކޫއްޑޫގައިި ކެންޓީނެއް ނުހުންނަކަން ޔައުޤޫބްވަނީ ފާހަނގަކޮށްފައެވެ. އަދި މިހާ ދަށު ދަރަޖައިގައި ކޫއްޑޫ މުވައްޒަފުން މަސައްކަތް ކުރަމުންދާތީ އެކަމާ ޔައުޤޫބްވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޔައުގޫބް އިތުރަށް ވިދާޅުވީ މިއީ ވަރަށް ސީރިޔަސް މައްސަލައެއް ކަމަށާއި މިިމައްސަލައަށް ސަރުކާރުން ހައްލުހޯދައިދޭން ޖެހޭ ކަމަށް ޤަބޫލްކުރާ ކަމަށެވެ.
ކޫއްޑޫގެ އެއާޕޯޓް ހިންގަނީ ސިންގަޕޫރުގެ ކިއޮން ހޮންގް ކޮންސްޓްރަކްޝަން އާއި ރާއްޖޭގެ ހޮޓެލްސް ރިސޯޓް ކޮންސްޓްރަކްޝަން ގުޅިގެން އުފައްދާފައިވާ ޕްރިންސްޓަން އައިލެންޑް އިންވެސްޓްމަންޓް މޯލްޑިވްސްއިންއެވެ.

