އިދިކޮޅުން އިސްނަގައިގެން ހިންގާ “އިންޑިޔާ އައުޓް” ކެމްޕެއިންގެ ދަށުން މާލޭގެ ޕީޕީއެމް އޮފީހާއި ރައީސް ޔާމީން ގެ ގެކޮޅުގެ ބޭރުގައި ދަމާފައިވާ ބެނާތައް ނުނެގޭނެ ކަމަށާއި، އަދި އިތުރަށްވެސް ބެނާތައް ދަމައި، އިތުރު ކަންކަން ހިންގާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް(އަދުރޭ) ވިދާޅުވެއްޖެއެވެ.
ބޮޑެތި ޢިމާރާތްތަކުގައި އިންޑިއާ އައުޓް ބެނާތަށް ދެމުމަކީ ޤާނޫނުލް އުޤޫބާތާއި ޚިލާފްކަމެއްކަމަށާއި، ފުލުހުން ވަގުތުން އެކަންކަން ހުއްޓުވަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވި ގޮތުގައި ފުލުހުން ނުކުމެގެންވެސް އެބެނާތައް ނަގަން އެބަޖެހެއެވެ.
“އަވަށްޓެރި ގައުމުތަކާ ގުޅޭގޮތުން ބަދު ބަސް ބުނެ ބޮޑެތި ބެނާތައް ނަގާފައި ހުރުމަކީ ގާނޫނުލްއުގޫބާތާ ހިލާފު ކަމެއް. އާންމު މަސްލަހަތާ ހިލާފު ކަމެއް. އެ ތަކެތި އަޅުގަނޑު ދެކޭ ގޮތުގައި ފުލުހުން ވަގުތުން ވަގުތަށް ނަގަން ޖެހޭނެ،” ރައީސް ނަޝީދު ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަންގެ ވެރީން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދަށް ރައްދު ދެއްވަމުން އަދުރޭ ވިދާޅުވީ “އިންޑިއާ އައުޓް” ބެނާ ދެމުން ނުހުއްޓުވޭނެ ކަމަށާ އެ ބެނާތައް ދަމާ ގޭގެ ދާނީ އިތުރުވަމުން ކަމަށާއި މާލޭގެ އިތުުރުން ރާއްޖޭގެ ހުރިހާ ރަށްތަކެއްގައިވެސް އެ ހަރަކާތް ހިންގާނެ ކަމަށެވެ.
ބެނާތައް ދެމުމަކީ ގާނޫނާއި ޚިލާފެއް ކަމަށާއި، އެ ދެމި ބެނާ ނަގަން ރައީސް ނަޝީދު ފުލުހުންނަށް އެންގެވުމުން އެކަމަށް ފާޑުވިދާޅުވެ އަދުރޭ ވިދާޅުވީ އެއީ ރައީސް ނަޝީދަށް އޮތް ބާރެއް ނޫން ކަމަށާއި އެފަދަ ޣައިރު ގާނޫނީ އަމުރަށް ތަބާނުވުމަށް ފުލުހުންނަށް އިލްތިމާސް ކުރެއްވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ މިސްރުކާރު ވެއްޓެން ދެން މާގިނަ ދުވަހެއް ނެތް ކަމަށާއި ދެން އަންނާނީ ޕީޕީއެމް ވެރިކަމެއް ކަމަށެވެ. ޕީޕީއެމްގެ ވެރިކަމުގައި މިސަރުކާރުން ހަދާފައިވާ ހުރިހާ ގޯސްތައް ރަނގަޅުކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން “އިންޑިއާ އައުޓް” ހަރަކާތަކީ ރައީސް ޔާމީން ވަރަށް އިޚްލާޞްތެރި ކަމާއި އެކު ދިވެހި ގައުމުގެ ހައްގުގައި ފަށާފައިވާ ގައުމީ މަސައްކަތެއް ކަމަށާއި އެމަނިކުފާނު އެމަސައްކަތް ކުރައްވަމުން ދާކަން އަމަލުންވެސް ދައްކަވާފައި އެހެން ބޭފުޅުންނަށް އެގޮތަށް ކަންތައް ކުރެއްވުމަށް އެންގެވުމުންވެސް ހާވަނީ ރައީސް ޔާމީންގެ ނިޔަތުގެ ތެދުވެރިކަން ކަމަށް ވިދާޅުވެ އަދުރޭ ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.
ރައީސް ޔާމިން ދިރިއުޅުއްވަމުން ގެންދަވާ ގެކޮޅުގެ އެންމެ މަތިން ތިރިއަށް ވާގޮތަށް ދަމާފައިވާ ބޮޑު ބެނަރ ދަމާފައިވަނީ އިއްޔެ އަސުރު ނަމާދަށްފަހުއެވެ. އަދި ބެނަރ ދަމާފައިވަނީ، ރޯދަމަހުގެ ހަވީރު މާލޭގެ ވަށައިގެން އޮންނަ ބޮޑު ތަކުރުފާނު މަގަށް، އާންމު އުސޫލުން، މީހުން “ފިނިބުރު ޖަހަން” ނިކުންނަ ވަގުތުގައިކަމުން ހަވީރުގެ ވަގުތު މިބެނަރ ނެގި ގަޑީގައި މި ސަރަހަދުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ސަރަހައްދަށް އެއްވެފައެވެ.

