އިންޑިޔާއާމެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، އެކަން ތަންފީޛުކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް އަންގާވާފައިވަނީ މިއަދު ނެެރުއްވި ޤަރާރެއްގައެވެ. މި ޤަރާރުގައި ވަނީ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ 2022 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުމުގައި އިންޑިޔާއާމެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށާއި، ދިވެހި ސިޔާސަތަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަށާއި ޖާގަދެވޭނެ އެންމެ ފުންމިނެއްގައި ޖާގަދީ މުޖުތަމައުގައި އަމަލުކުރަމުންދާ އަސާސްތަކެއް ކަމަށް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައި އިންޑިއާ އާޢި ދެކޮޅަށް ހިންގާ ކެމްޕޭނަކީ ދިވެހިރާއްޖޭގެ ސުލްޙަ މަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި ރާއްޖެއާ އިންޑިއާ އާ އޮތް ޒަމާންވީ ބަދަހި ގުޅުމާއި، ރާއްޖޭގެ ތަރައްގީއަށާއި މިސަރަޙައްދުގެ ސަލާމަތާއި އަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މުހިންމު މަސައްކަތްތަކަށް ހުރަސް އެޅުމަށް ހިންގަމުންދާ ކެމްޕޭންތަކެއް ކަމަށްވެސް މި ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
އަދި އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގެ ސުލްހަމަސަލަސްކަން ނަގާލުމުގެ ނިޔަތުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށާއި އެއީ ހުއްޓުވަން ޖެހޭ ހަރަކާތެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާފައިވާ ކަމަށާއި، އެކަން ތަންފީޒުކުރަން ކަމާ ބެހޭ އިދާރާތަކަށް އަންގާ ކަމަށްވެސް ރައީސްގެ ގަރާރުގައި ވިދާޅުވެފައި ވެއެވެ.

