ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސްގެ ބޭފުޅުންނާއި ބައްދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއިން ކޫއްޑޫއަށް ޒިޔާރަތްކޮށްފިއެވެ.
މިބައްދަލުވުމުގައި ކޫއްޑޫ ފިޝަރީސްގައި ހުރި ދަތިތަކާއި ބެހޭގޮތުން މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއާ މަޝްވަރާކުރެވުނެވެ. އެގޮތުން މަސްކިރުމާ ކޯލްޑް ސްޓޯރޭޖްގެ މައްސަލައަށް ހައްލުގެނެއުމަށް ވިސްނާފާއިވާގޮތް ހިއްސާކުރެވުނެވެ.
ކޫއްޑޫގައި މިހާރު ޤާއިމްކުރެވިފައިވަނީ 2000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. ކޫއްޑޫ ތަރައްޤީކުރުމުގެ މަޝްރޫޢާއެކު 4000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރެވިގެންދާނެކަމަށް މިފްކޯއިން ވިދާޅުވެފައިވާއިރު މިހާރު މިފްކޯއިން މަސް ގަންނަމުންދަނީ ލިމިޓްކޮށްގެންނެވެ. އެގޮތުން ދެކުނުގެ މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު ދޯންޏަކުން 7 ޓަނު މަސް ކިރަމުންދާތީ މަސްވެރިންނަށް ގިނަ ދަތިތަކާއި ތަކުލީފުތަކެއްް ކުރިމަތިވެއެވެ.
މިފްކޯގެ ކެޕޭސިޓީ އިތުރުކޮށް ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި 100 ޓަނުގެ ކަނޑުމަސް 8 ގަޑިއިރުގެ ޝިފްޓުގައި ގަނޑުކުރެވޭ އައު ރިފްރިޖަރޭޝަން ކޮމްޕްލެކްސްއެއް ގާއިމް ކުރުމާއި، ލޮނުފެން ގަނޑުކޮށް 80 ޓަނުގެ ކަނޑުމަސް ބެހެއްޓޭނެ ހޯލްޑިން ޓޭންކް ގާއިމް ކުރުމާއި، 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް އަދި އައު ޕަވާހައުސް އެއް ގާއިމް ކުރުން ހިމެނެއެވެ.
މީގެއިތުރުން ގދ. ތިނަދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ 1000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. އަދި މ. މުލަކުގައި ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. އަދި ފެލިވަރު، ކޫއްޑޫ، ކަނޑުއޮތްގިރި ފެސިލިޓީ އަޕްގްރޭޑްކޮށް އަދި ތިނަދޫ އާއި މުލަކުގައި އައު ސްޓޯރޭޖް ފެސިލިޓީ ޤާއިމްކޮށް ނިމުމުން، މިފްކޯއަށް މަސްގަނެވޭ މިންވަރު ދުވާލަކަށް %61 އިތުރުކުރެވޭކަމަށް ސަރުކާރުން ލަފާކުރައްވައެވެ.

