ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއިން ގދ.ތިނަދޫއަށް ޒިޔާރަތްކޮށް، ތިނަދޫގެ މަސްވެރިންގެ ޝަކުވާތަކާއި އިހުސާސްތައް ގާތުން އަޑުއެހުމަށް ބޭއްވުނު ބައްދަލުވުން ހޫނުވެ މަސްވެރިން ރަތަށް އަރައިފިއެވެ. މަސްވެރިންގެ ސުވާލަކީ ރައީސް ނަޝީދުގެ ފޯމިއުލާ ބޭނުން ނުކުރަނީ ކީއްވެގެންތޯއެވެ.
ޤައުމީ ޔުނިވާސިޓީ ގދ.ތިނަދޫ ކެމްޕަހުގައި މިވަގުތު ކުރިޔަށްދާ ބައްދަލުވުމުގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣްނީއާއި ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީގެ އިތުރުން ގދ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުالله ބައިވެރިވެވަޑައިގަންނަވައެވެ.
މިބައްދަލުވުން ފެށުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި މަސްވެރިންގެ މެދުގައި ނުތަނަވަސްކަން އުފެދި ހޫނުވެގެންދިޔައެވެ. އެހެންނަމަވެސް އިރުކޮޅަކުން ހަމަޔަކަށް އެޅި ބައްދަލުވުން ދަނީ ކުރިޔަށް ގެންދަމުންނެވެ. މަސްވެރިންގެ މައިގަނޑު ޝަކުވާއަކީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބުމެވެ.
މިބައްދަލުވުން ހޫނުވެގެން ދިޔައީ މިފްކޯއިން މަސްގަތުމުގައި ކޮންޓްރޯލްކޮށްގެން ގެއްލުމުގައި މަސްގަންނަމުންދާ ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފާއިތުވީ 2 އަހަރު މަސްވެރިންނަށް ފައިދާވި ކަމަށް ބުނުމުން މަސްވެރިންގެ މެދުގައި އުފެދިގެން ދިޔަ ނުތަނަވަސް ކަމެއްގެ ސަބަބުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއިން ތިނަދޫގެ މަސްވެރިންގެ ޝަކުވާތަކާއި އިހުސާސްތައް ގާތުން އަޑުއެހުމަށް ބޭއްވުނު ބައްދަލުވުން – ފޮޓޯ: އިސްމައިލް އަހުމަދު
މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ވަނީ ގދ. ތިނަދޫގައި 1000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރުމަށް ނިންމާފައެވެ.
މަޖިލީހުގެ އިޤްތިސާދީ ކޮމިޓީން ވަނީ މިއަދު ކޫއްޑޫއަށް ޒިޔާރަތްކޮށް ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސްގެ ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ. ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސްއިން ވަނީ މަސްކިރުމާ ކޯލްޑް ސްޓޯރޭޖްގެ މައްސަލައަށް ހައްލުގެނެއުމަށް ވިސްނާފާއިވާގޮތް ކޮމިޓީ މެމްބަރުންނާއި ހިއްސާކޮށްފައެވެ.

