މަސްވެރިން ބާނާ މަހާއި ބެހޭގޮތުން ތިނަދޫ އަންހެނަކު ދެއްކި ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައްދު ދެއްވައިފިއެވެ.
މަޖިލީހުގެ އިޤްތިސާދީ ކޮމިޓީން ތިނަދޫއަށް ޒިޔާރަތްކޮށް މަސްވެރިންނާއެކު ބޭއްވުނު ބައްދަލުވުމުގައި ތިނަދޫގެ ވިޔަފާރިވެރި އަންހެނެއް ކަމަށްވާ ދުސޫމާ(ދުސޫ) ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މަސްވެރިން ބާނާ މަހަށް ހަދާނެ ގޮތް ނުވިސްނިގެން ސަރުކާރުން ނޫޅޭ ކަމަށާއި އެގޮތަށް އަމަލު ނުކުރަނީ ކަމަށެވެ.
މަސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަމުން ދުސޫ ބުނެފައިވަނީ ހުވަދޫގެ މަސްވެރިން ކޫއްޑޫގެ ކެޕޭސިޓީއާ އައިސް ސްޓޯރޭޖަށް ބަރޯސާވާން ބޭނުން ނުވާ ކަމަށާއި ހުވަދޫގެ މަސްވެރީންނަށް އެ މީހުން ބާނާ މަހަށް އަމިއްލައަށް އިންޓަނޭޝަނަލް މާކެޓް ހޯދޭނެ ކަމަށެވެ. އަދި އެ އަތޮޅަށް މަސް ފެކްޓްރީތައް ވެސް ގެނެވޭނެ ކަމަށް ދުސޫވަނީ ބުނެފައެވެ.
ދެކުނުގެ މަސްވެރިކަން ރަނގަޅު ދުވަސްވަރުގައި މިފްކޯއިން ލިމިޓްކޮށްގެން މަސްކިރަމުން ގެންދާތީ މަސްވެރިން ވަނީ އެކަމާ ހިތްހަމަނުޖެހުން ޝަކުވާ ހުށަހަޅާފައެވެ. މަސްވެރިންގެ މިފަދަ ޝަކުވާތައް ރައީސް ނަޝީދަށް ވެސް ހުށަހެޅުމާއި ގުޅިގެން އެމަނިކުފާނު ވަނީ އެމްޑީޕީ ގެ މެނިފެސްޓޯގެ މަގަށް ރުޖޫއަވެ ރިޔާސީ ވައުދު ފުއްދުމަށް ސަރުކާރަށް ގޮވަލާފައެވެ.
އެކަމާ ގުޅިގެން ކޫއްޑޫ ބަދަރުގައި ބޮޑު އިހުތިޖާޖެއް ފެށުމުން ސަރުކާރުން ކޫއްޑޫ ބަދަރުގައި އޮތް ހުރިހާ ދޯންޏެއްގައި ހުރި ހުރިހާ މަހެއް ކިރަން ނިންމިއެވެ. ނަމަވެސް އޭގެ ފަހުން ލޯޑް ބޮޑުވެ އަނެއްކާ ވަނީ ދޯންޏަކުން ހަތް ޓަޓު ގަންނަގޮތަށް މިފްކޯއިން ވަނީ ނިންމާފައެވެ.

