ގދ.ފަރެސްމާތޮޑާ އެއަރޕޯޓްގެ ރަންވޭ 1800 މީޓަރަށް ބޮޑުކުރުމަށް އެދި ސަރުކާރަށް ދެންނެވުމަށް ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ފާސްކޮށްފިއެވެ.
މިމަހު 14 ވަނަ ދުވަހު ބޭއްވި ގދ. އަތޮޅު ކައުންސިލްގެ 04 ވަނަ ދައުރުގެ 39 ވަނަ އާއްމު ބައްދަލުވުމުގައި މަޝްވަރާކޮށް ނިންމާފައިވާ ގޮތުން ފަރެސްމާތޮޑާގެ އެއަރޕޯޓްގެ ރަންވޭ 1800 މީޓަރަށް ބޮޑުކުރުމަށްޓަކައި ސަރުކާރުގައި ދެންނަވައިދެއްވުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަށް ކައުންސިލްގެ 8 މެމްބަރުންގެ އަޢުލަބިއްޔަތުން މިވަނީ ފާސްކޮށްފައެވެ.
ފަރެސްމާތޮޑާ އެއަރޕޯޓްގައި އަޅަން ނިންމާފައިވަނީ 1200 މީޓަރުގެ ރަންވޭއެކެވެ. މިރަންވޭ 1800 މީޓަރަށް ބޮޑުކުރާ ނަމަ އިތުރަށް ބިން ހިއްކަންޖެހެއެވެ. އެގޮތުން 7.35 ހެކްޓަރުގެ ބިން ހިއްކުމަށްފަހު ރަންވޭ 430 މީޓަރަށް އިތުރަށް ދިގު ކުރަންޖެހެއެވެ.
މި އެއަރޕޯޓްގެ 200 މީޓަރު ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީން މިހާރު ކުރަމުން އަންނައިރު އެއަރޕޯޓްގެ ޓާމިނަލް މަސައްކަތާއި ފަޔަރ ބިލިޑިންގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މިމަހުގެ ނިޔަލަށް ރަންވޭ މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެމްޓީސީސީން ބުނެއެވެ.
އެކުންފުނިން އަންނަނީ ފަރެސްމާތޮޑާ އެއަރޕޯޓް ނިންމާ މިއަހަރުގެ ޖުލައިމަހުގެ ކުރިން ސަރުކާރާ ތަން ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

