ޖިއްދާއިން މަދީނާއަށް ދަތުރު ކުރަމުން ދިޔަ ބަހެއް އެކްސިޑެންޓްވެ، އުމްރާގެ އަޅުކަން އަދާކުރަން ދިޔަ 8 މީހަކު ނިޔާވެއްޖެއެވެ.
މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި މިބަސް އެކްސިޑެންޓްވިއިރު ބަހުގައި 51 އުމްރާވެރިން ދަތުރުކުރަމުން ދިޔައެވެ. ބަހުގައި ދަތުރުކުރި ހުރިހާ އެންމެނަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު 8 މީހަކު މިވަނީ ނިޔާވެއެވެ. އަދި 3 މީހެއްގެ ހާލު ވަރަށް ސީރިޔަސްއެވެ. މިއަދު ހިނގާދިޔަ މިހާދިސާގައި ނިޔާވީ ކޮން ޤައުމެއްގެ ބައެއްކަން އަދި ހާމަކޮށްފައި ނުވާކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
ހިޖްރާ ހައިވޭއިން ދަތުރު ކުރަމުން ދަނިކޮށް، މި ބަސް އެކްސިޑެންޓްވެފައިވަނީ، ބަސް ކޮންޓްރޯލް ނުކުރެވި، ބަސް ފޮރޮޅާލައިގެންނެވެ. މި އެކްސިޑެންޓް މިހާރު ތަޙްޤީޤް ކުރަމުން އަންނައިރު، ޒަޚަމްވި ބައެއް ފަރާތްތައް، ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ވަނީ ދޫކޮށްލާފައެވެ.

