މި އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަދި ހުވަދު އަތޮޅުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ޕާޓްނަރަކަށް ގދ.އަތޮޅު ކައުންސިލް ހަމަ ޖައްސައިފިއެވެ.
މިހާރު ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލާފައިވާ މި މުބާރާތަކީ ކްލަބް ޓީއެންޓީ އާއި ގދ.ވާދޫ ކައުންސިލާއި ގުޅިގެން ބާއްވާ މުބާރާތެކެވެ. އަދި ގދ.އަތޮޅު ކައުންސިލުން މި މުބާރާތުގެ ޓައިޓަލް ޕާރޓްނާރ ކަށް ވުމަށް ނިންމާފައިވަނީ އެކައުންސިލްގެ 40 ވަނަ އާންމު ބައްދަލުވުމުންނެވެ.
މިމުބާރާތާއި ގުޅޭގޮތުން "ހުވަދޫ ނިއުސް" އަށް މައުލޫމާތުދެމުން ކްލަބް ޓީއެންޓީގެ މީޑިއާ ކޯޑިނޭޓަރ ނާފީ އިބްރާހީމް ބުނީ މުޅި ހުވަދުއަތޮޅަށް ހުޅުވާލައިގެން ބޭއްވޭ މި މުބާރާތުގައި ކޮންމެ ރަށަކުންވެސް އެއް ޓީމަށްވުރެ ގިނަޓީމްތަކަށް ބައިވެރިވެވޭނެ ކަމަށެވެ. މުބާރާތުގައި ބައިވެރިވުމަށް ޝައުވެރިވާ ޓީމްތަކަށް މި މުބާރާތުގައި ބައިވެރިވުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާނެ ކަމަށާއި، ޓީމުތަކުން ބޭނުންނަމަ އެކަމަޑޭޝަންގެ ކަންކަމުގައި ވެސް އިންތިޒާމު ކުރާ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ނާފީ ބުންޏެވެ.
"ޓީއެންޓީ ފުޓްސަލް ޗެލެންޖް 2022" ގައި ބައިވެރިވުމަށް ބޭނުންވާ ޓީމްތަކުން ރަޖިސްޓްރީ ފީއެއްގެ ގޮތުގައި 5،000 ރުފިޔާ ދައްކަންޖެހެއެވެ.
އެގޮތުން މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން www.tntfutsalchallenge.com މި ލިންކް މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެ ކަމަށް ނާފީ ވަނީ ބުނެފައެވެ. މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާ މިމުބާރާތް ކުޅެން ހަމަޖެހިފައިވަނީ ގދ.ވާދޫގައެވެ.
ވާދޫއަކީ "ގޯލްޑަން ފުޓްސަލް ޗެލެންޖް 2022" ގދ.ގެ ޗެމްޕިއަން ޓީމެވެ. އަދި ޒޯން 6 ވެސް ޗެމްޕިއަން ޓީމެވެ. މިމުބާރާތުން އެއްވަނައަށްދާ ޓީމަކަށް 75،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

