ކޮވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޤާއިމުކުރި ކޯލް ސެންޓަރ 1676ގެ ޚިދުމަތް ދެން ލިބޭނީ ހަމައެކަނި ރަސްމީ ގަޑީގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗް.ޕީ.އޭއިން ބުނީ އެ އެޖެންސީން 24 ގަޑިއިރު ފޯރުކޮށްދެމުންދިޔަ 1676 ކޯލް ސެންޓަރުގެ ޚިދުމަތް މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން ލިބޭނީ ހަމައެކަނި ރަސްމީ ގަޑިތަކުގައި ކަމަށެވެ.
މި ބަދަލާގުޅިގެން ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުން ކޯލް ސެންޓަރަށް ގުޅައިގެން ހަމަޖައްސައިދެމުން ގެންދިޔަ ޑޮކްޓަރުންގެ އޮންލައިން ކޮންސަލްޓޭޝަން ދިނުން ހުއްޓާލެވޭނެކަމަށްވެސް އެޗް.ޕީ.އޭއިން ބުންޏެވެ.
އެޗްޕީއޭ އިން ބުނީ މާލެ ސަރަހައްދުގައި ކޮވިޑަށް ފައްސިވެފައި ނުވަތަ ގާތުން އެއްތަންވެގެން ކަރަންޓީނުގައި ތިބޭ މީހުން ސިއްހީ ފަރުވާ ހޯދަން ޖެހޭ ހާލަތްތަކުގައި އެންމެ ކައިރި ހޮސްޕިޓަލަކަށް ގުޅައިގެން އޮންލައިން ކޮންސަލްޓޭޝަން ނުވަތަ އެ ހޮސްޕިޓަލަކުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ސިއްހީ ފަރުވާ ހޯދުމަށެވެ.
އަދި މިފަދަ މީހުންގެ ތެރެއިން ކުއްލިއަކަށް ހާލު ބޮޑުވެ، އެމެޖެންސީގައި ފަރުވާ ދޭން ޖެހޭ މީހުން އެމެޖެންސީ މެޑިކަލް ސާވިސް (އޭއެމްއެސް) ގެ ނަންބަރު 100 އަށް ގުޅައި ޚިދުމަތް ހޯދުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

